ކޮލިފައިންގައި އިރާގާ އެއްވަރުކޮށް، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ޖާގައެއް ސައުދީ އަރަބިއްޔާއިން ކަށަވަރުކޮށްފިއެވެ.
ޕްރެލިމިނަރީ ކޮލިފައިންގެ ގްރޫޕް ބީ ގައި އިއްޔެ ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މެޗު އެއްވަރުވެފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާ އާއިއެކު ޖުމްލަ ތިން ޓީމު ހިމެނޭ މި ގްރޫޕްގެ އެއްވަނަ މަގާމް ސައުދި އަރަބިއްޔާ އަށް ލިބިފައިވަނީ ޖެހި ގޯލުގެ ތަފާތުންނެވެ.
އިރާގާއި ސައުދި އަރަބިއްޔާއަށްވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުވެސް ވަނީ އެއްވަރުވެފަ އެވެ. އެގޮތުން ސައުދި އަރަބިއްޔާއަށް ކުރި ލިބިފައިވަނީ އިންޑޮނޭޝިއާ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ޖެހި ގޯލުގެ ތަފާތުންނެވެ.
ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ސައުދި އަރަބިއްޔާގެ ކެޕްޓަން ސާލެމް އަލް ދައުސާރީ އާއި ނާސިރު އަލް ދައުސާރީގެ ނުރައްކާތެރި ހަމަލަތަކެއް އިރާގުގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު ސައުދި އަރަބިއްޔާ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު މިއީ 1994 ވަނަ އަހަރަށްފަހު އެ ޓީމުން ވޯލްޑްކަޕްގައި ވާދަކުރާ ހަތްވަނަ ފަހަރެވެ. ސައުދި އަރަބިއްޔާ އިން ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަސް ވާދަކޮށްފައިވަނީ 1994 ވަނަ އަހަރު އެވެ.
ކޮލިފައިންގައި އިއްޔެ އޭޝިޔާގެ އިތުރު ޖާގައެއް ގަތަރުން ވަނީ ކަށަވަރުކޮށްފަ އެވެ. އެންމެ ފަހުގެ ވޯލްޑްކަޕް ބޭއްވި ގައުމުގެ ގޮތުގައި 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވާދަކޮށްފައިވާ ގަތަރުން އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވެފައިވަނީ ޔޫއޭއީ އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.