ކޮލިފައިންގައި ލެޓްވިއާ 5-0 ގެ ނަތީޖާއަކުން ބަލިކޮށް، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ޖާގައެއް އިންގްލަންޑުން ކަށަވަރުކޮށްފިއެވެ.
ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ކޭ ގައި ރޭ ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި ކުޅުނު ހަ މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އަލްބޭނިއާ އަށް ހަ މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.
ލެޓްވިއާގައި ކުޅުނު މި މެޗުގައި އިންގްލަންޑުން ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެ ލެޓްވިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
އިންގްލަންޑުން ލެޓްވިއާގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 26 ވަނަ މިނިޓުގައި އެންތޮނީ ގޯޑަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ކެޕްޓަން ހެރީ ކޭން ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. ހެރީ ކޭން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީ އަކުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ހެރީ ކޭން މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ އިންގްލަންޑްގެ ގައުމީ ޓީމަށް ކުޅުނު 110 މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ 76 އަށް އަރާފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ލެޓްވިއާގެ ޓޮނިޝެވްސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ވަނީ ބޮޑުވެފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެބެރެޗީ އެޒޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.