ދެއަހަރު ފަހުން ގަލޮޅު ދަނޑުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރި މެޗުން ރާއްޖެ ބަލިވީ 3-0 ނެވެ.
މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ދިވެހި ޓީމުގެ އޭރިއާ ތެރެއިން ޑިފެންޑަރު މުހައްމަދު އިރުފާން އަތުގައި ޖެހުނު ބޯޅައާއެކު ތަޖިކިސްތާނަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. ތަޖިކިސްތާނުގެ އުމަރްބައެވް ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ދިފާއުކުރިނަމަވެސް އަތުގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ ގޯލުގެ ތެރެއިން ފޮނުވާލައިގެން ތަޖިކިސްތާނުން މެޗުގައި ލީޑު ނެގީ 4 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަފަރޮވްއެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ތަޖިކިސްތާނުންނެވެ. އެހެންނަމަވެސް މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދިވެހި ޓީމަށްވެސް ވަނީ ލިބިގެންގޮސްފައެވެ. މިގޮތުން އަހުމަދު އައިހަމް އަމިއްލަ ހާފުގެތެރެއިން ހޯދި ބޯޅަ ހިފައިގެންގޮސް ތަޖިކިސްތާނުގެ އޭރިއާތެރެއަށް ވަދެ ކީޕަރު ނިކުތުމުން ބޯމަތިން ގޯލުގެ ތެރެއަށް ހިއްލާލަން މަސައްކަތްކުރި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މިމެޗުގައި ތަޖިކިސްތާނުގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގެ 34 ވަނަ މިނެޓުގައި ލިބުނު ހުސްފުރުސަތަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޝެރްވޮނީ އެވެ. އޭރިއާ ތެރެއިން ޝެރްވޮނީ ފޮނުވާލަން މަސައްކަތް ކުރި ބޯޅައަށް ހުރަސް އަޅަން ދިވެހި ޓީމުގެ ނިހާން އާއި ސަމޫޙް ޓެކުލް ކުރިނަމަވެސް ދެވަނަ ފަހަރަށްވެސް ބޯޅަ ލިބުނީ ޝެރްވޮނީއަށެވެ. ދެވަނަ ފަހަރަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ ލީޑު އިތުރަށް ފުޅާކޮށްދިންއިރު މެޗުގެ ތިން ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޝެރްވޮނީއެވެ.
ތަޖިކިސްތާނުގައި މިމަހުގެ 9 ވަނަ ދުވަހު ކުޅުނު މެޗުގެވެސް ފުރަތަމަ ހާފް ނިމުނީ 2-0 ސުމަކުންނެވެ. އެހެންނަމަވެސް ތަޖިކިސްތާނުގައި ކުޅުނު މެޗާ ހިލާފަށް މިމެޗުގައި ތަޖިކިސްތާނުން ވަނީ ދެވަނަ ހާފްގައިވެސް އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑަކީ ދިވެހި ޓީމުގެ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި އިރުފާން ކައިރިވާން ފެށުމުން ޝެރްވޮނީ ބޯޅަ ގޯލަށް ފޮނުވާލުން ލަސްކޮށްލާ، އިރުފާން ކައިރިން ނައްޓާލުމަށްފަހު ކީޕަރުގެ ދުރުކަނަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ތަޖިކިސްތާން މިވަނީ ގްރޫޕްގައި 10 ޕޮއިންޓް ހަމަކޮށް 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ޖެހިލާފައެވެ. ގްރޫޕްގައި ދިވެހި ޓީމުން ކުޅުނު 4 މެޗުންވެސް ބަލިވިއިރު ދިވެހި ޓީމަށް ދެން އޮންނާނީ މިއަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފިލިޕީންސް އާއި ބައްދަލުކުރާ މެޗެވެ. މިމެޗުވެސް ކުޅޭނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.