ޚަބަރު

ގޮއިދޫގައި ފުޓްބޯޅަ ދަނޑަކާއި، ވޮލީ ކޯޓު އަދި ހޭންޑްބޯޅަ ކޯޓު އަންނަ އަހަރު ފަށައިދޭނަން


  • ރައީސް ވިދާޅުވީ ގޮއިދޫގައި މި މަޝްރޫއުތައް އަންނަ އަހަރު ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށް

  • ގޮއިދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރާނީ ލައިޓް ހަރުކޮށްފައިވާ ފުރިހަމަ ދަނޑެއްގެ ގޮތުގައި

ށ. ގޮއިދޫގައި ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއްގެ އިތުރުން ހޭންޑްބޯޅަ ކޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. ގޮއިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގޮއިދޫގައި މި މަޝްރޫއުތައް އަންނަ އަހަރު ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށެވެ. ފުޓްބޯޅަ ދަނޑު ފުރިހަމަ ކުރުމާއި ވޮލީ ކޯޓު އަދި ހޭންޑްބޯޅަ ކޯޓު އެޅުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގޮއިދުއަކީ ކުޅިވަރަށް ލޯބިކުރާ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށްވާއިރު އެރަށަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދިނުމުގައި ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކުޅިވަރުތަކަށް ސަރުކާރުން އިސްކަންދެއްވައެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ގޮއިދޫ ފުޓްބޯޅަ ދަނޑު ތަރައްގީކޮށްދެއްވާނީ ލައިޓް ހަރުކޮށްފައިވާ ފުރިހަމަ ދަނޑެއްގެ ގޮތުގައި ކަމަށެވެ. ރައީސްގެ ދަތުރުފުޅުގެ ތެރެއިން ށ. ގޮއިދޫގައި ރައީސްވަނީ ބައެއް މަޝްރޫއުތައް ފައްޓަވާ ދެއްވާފައެވެ.