ށ. ފޭދޫގައި ސަރުކާރުން އަލަށް އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޭދޫއަށް ވަޑައިގެންފައިވާއިރު މި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
ފޭދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢުއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް އަދި އެރަށު ކައުންސިލުގެ ރައީސްއެވެ.
ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ށ އަތޮޅަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފޭދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުވެސް ތަރައްޤީކުރަނީ އިންޑޯ ޖިމާއި އެރޮބިކްސް އާއި އެކި ކަހަލަ އިންޑޯ ގޭމްތަކާއި ބޯޑު ގޭމް ކުޅެވޭގޮތަށެވެ. އަދި ޓްރޭނިންތައް ހިންގުމަށް ކްލާސްރޫމާއި މީޓިން ރޫމްވެސް މި ސެންޓަރުގައި ގާއިމުކުރެވިގެންދާނެއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ހުރިހާ ރަށެއްގައި ކުރިޔަށް މިއޮތް ދެއަހަރު ދުވަހުގެ ތެރޭގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކޮށް ނިންމާ ރައްޔިތުންނާއި ހަވާލުކުރުމަށެވެ. މިއީ ސިއްހީ ދުޅަހެޔޮކަމާއި އިޖްތިމާއީ ދުޅަހެޔޮކަން ރަށްރަށުގެ ރައްޔިތުންގެ މެދުގައި އާލާވެގެންދާނެ ކުޅިވަރުގެ މުހިންމު ވަސީލަތެކެވެ.