ށ. ބިލެއްފަހީގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ އަލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ގޮއިދޫއާއި ބިލެތްފަހީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސިޕީ (ރޓ) އަޙްމަދު ސަޢުދީއެވެ. އަދި ބިލެތްފަހި ކައުންސިލް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
ރައީސް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެށުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ބިލެތްފަހި އެފްއާރްސީގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވާ 4.56 މިލިއަން ރުފިޔާއަށް 180 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު މި ސެންޓަރުގައި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ޖިމާއި އެރޮބިކްސް ފަދަ ކަސްރަތުތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.