އަންނަ އަހަރު ށ. ނޫމަރާގައި ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ނޫމަރާއަށް ވަޑައިގެން އެރަަސުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ނޫމަރާގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކުން ބޭނުންވާ ކަންކަން ހާސިލްކޮށްދެއްވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ.
އެގޮތުން ކުޅިވަރުގެ ދާއިރާއިން ނޫމަރާއަށް އިތުރު މަޝްރޫއުތައް ގެނެސްދެއްވުމަށް އަންނަ އަހަރު ފަށާ އައު މަޝްރޫއުތަކުގެ ތެރޭގައި ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ.
”އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާ އައު މަޝްރޫއުތަކުގެ ތެރޭގައި ހިމަނައިދޭނަން މިރަށުގައި ޒަމާނީ ފެންވަރުގެ ރަނގަޅު ފުޓްބޯޅަ ދަނޑެއް އަދި އޭގެ އިތުރަށް ވޮލީ ކޯޓެއް އެޅުން“ ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހެދުމުގެ މަސައްކަތް ކުރިޔަށްދާއިރު ނޫމަރާ ވޮލީ ކޯޓާއި ފުޓްބޯޅަ ދަނޑަށް ބޭނުންވާ ފައިސާ ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު މި ސަރުކާރުން ހަދާ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރަނީ ދުވާލާއި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށް ޒަމާނީ ފެންވަރަށެވެ.
ފުޓްބޯޅަ ދަނޑުތަކާއި ވޮލީ ކޯޓުތައް އަދި އެނޫން ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ރަަށްރަަށުގައި ގާއިމުކޮށްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރު ލާމަރުކަޒުކޮށް ހުރިހާ ސަރަހައްދަކުން މޮޅަތި އެތުލީޓުން އުފެއްދުމެވެ.
ރަށްރަށުގެ ރައްޔިތުންގެމެދުގައި އެންމެ މަގުބޫލު ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ރައްޔިތުންނާއިއެކު ބާއްވާ ބައްދަލުވުންތަކާއި ކައުންސިލު ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތުން ހުށަހަޅާ ކަންކަމަށް ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން އިސްކަންދެއްވައެވެ.