ޚަބަރު

މިފްކޯގެ މަސްގަންނަ ބޯޓުތައް މެދުރާއްޖެތެރޭގައި ހަރަކާތްތެރިވަނީ


މިދުވަސްކޮޅު މެދުރާއްޖެ ތެރޭގެ ސަރަޙައްދުގައި މަސްވެރިކަން ރަނގަޅުވުމާއި ގުޅިގެން، މިފްކޯގެ މަސްގަންނަ ހުރިހާ ބޯޓުފަހަރުތައް އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މެދުރާއްޖެ ތެރެއަށް ޚާއްޞަގޮތެއްގައި މ.އަތޮޅާއި ޅ.އަތޮޅުގައި މިދުވަސްވަރު މަސްވެރިކަން ރަނގަޅު ކަމަށާއި މިވަގުތު އެ ސަރަޙައްދުގައި މަސްވެރިކަން ހުރިގޮތުން އެވްރެޖް ގޮތެއްގައި ދޯންޏަކުން 4 ޓަނާއި 6 ޓަނާއި ދެމެދުގެ ޢަދަދަކަށް މަސް ކިރަމުން އަންނަ ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި މިޢަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭތީ އެ ސަރަޙައްދުން މަސްވެރިން ބާނާ މަސް ގަތުމަށް މިފްކޯގައި ބޭނުންކުރާ މަސްގަންނަ ހުރިހާ ބޯޓުފަހަރުތައް މިހާރު އެސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މ.އަތޮޅަކީ މިފްކޯގެ އޮޕަރޭޝަން ހިންގަމުންގެންދާ ސަރަޙައްދަކަށް ނުވުމާއިއެކު، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމާއި ގަޑިންގަޑިއަށް ބޯޓުފަހަރުތައް މަސްގަންނަ ބަނދަރުތަކަށް ފޮނުވުމުގައި ކޮންމެވެސްވަރެއްގެ ދަތިތަކެއް ހުރިނަމަވެސް މަސްވެރިން ބާނާ މަސް އެއްކޮށް ނެގުމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.