ޚަބަރު

ތެދުބަހުން ރިޕޯޓްކޮށްފިނަމަ، އަބުރުގެ ޤާނޫނުގެ ހިމާޔަތް ލިބޭ


ތެދު ބަހުން ވާހަކަދައްކާ، ތެދުބަހުން ރިޕޯޓްކޮށްފިނަމަ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުން އެމީހަކަށް ފުރިހަމަ ހިމާޔަތް އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޓީވީއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި، ޤާނޫނު އަސާސީން އަސާސީ ޙައްޤެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދެއެވެ. އެމީހަކު މުޖުތަމަޢުގައި އަދާކުރާ ހައިޞިއްޔަތަކަށް ބެލުމެއް ނެތި މުޅި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ އަބުރާއި ކަރާމާތަކީ ދިވެހިރާއްޖޭގެ ދުސްތޫރުން ރައްކާތެރިކޮށްދޭ އެއްޗެއްކަން މިޤާނޫނު ކަށަވަރުކޮށްދެއެވެ.

ޓީވީއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވީ، ސަރުކާރާއި ދައުލަތް ހިނގާގޮތާއިމެދު ފާޑުކިއުމަށް މި ޤާނޫނުގެ ދަށުން ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށާއި، އެއްވެސް ހުއްޓުމެއް ނެތް ކަމަށެވެ. އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުން މީހަކާ ބެހޭގޮތުން ދައްކާ ވާހަކަ ތެދުބަހުން ދެއްކުމާއި ތެދުބަހުން ރިޕޯޓްކޮށްފިނަމަ މި ޤާނޫނުގެ ފުރިހަމަ ހިމާޔަތް އެމީހަކަށް ނުވަތަ ރިޕޯޓްކުރާ ފަރާތައް ލިބިގެންވާ ކަމަށް ވިދާޅުވިއެވެ.

މި ޤާނޫނުގެ ދަށުން ގިނަ ޤަވާއިދުތަކެއް އެކުލަވާލަންޖެހެއެވެ. އެގޮތުން މިޤާނޫނުން އެކުލަވާލަންޖެހޭ ޤަވާއިދުތަކުގެ ތެރޭގައި ލައިވް ބްރޯޑްކާސްޓް ކުރުމާބެހޭގޮތުން އެކުލަވާލަންޖެހޭ ޤަވާއިދު މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި، އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުގެ ތެރެއިން ޖޫރިމަނާއާއި ގުޅުންހުރި ޤަވާއިދުތަކުގެ މައްޗަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއްޅުއްވާލެއްވިއެވެ.

ކޮންމެ ޤާނޫނެއްވެސް އޭގެ ޒާތުގައި ހިންގަން ފެށުމުންމެނުވީ މައްސަލަތައް ނުފެންނާނެކަމަށް މިނިސްޓަރ އާޒިމާ ވިދާޅުވިއެވެ. ޤާނޫނުން ރައްކާތެރިކޮށްދޭ މަސްލަޙަތާއި، އެ މަސްލަޙަތު ރައްކާތެރި ކޮށްދީފައިވޭތޯއާއި، އެއިން ފެންނަ ފައިދާއާއި ގެއްލުން ޤާނޫނަށް އަމަލުކުރަން ފަށާތަނުން ނުފެންނާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަޒް މިނިސްޓަރ ވިދާޅުވިއެވެ.