ޚަބަރު

ކުޑޫސްގެ ލަނޑުން މޮޅުވެ ގާނާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކޮމޮރޯސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެ، ވޯލްޑް ކަޕުގެ ޖާގައެއް ގާނާއިން ކަށަވަރުކޮށްފިއެވެ.

އެފްރިކާގެ ކޮލިފައިންގެ ގްރޫޕް އައި ގައި ކުޅުނު މި މެޗުން ގާނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕުގައި ކުޅުނު 10 މެޗުން 25 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް މަޑަގަސްކަރަ އަށް 10 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. މާލީ އަށް 18 ޕޮއިންޓާއިއެކު ތިންވަނަ މަގާމް ލިބިފައިވާއިރު ކޮމޮރޮސް އޮތީ ހަތަރުވަނައިގަ އެވެ.

ގާނާގެ އާކްރާގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ގާނާ އަށް ކާމިޔާބު ކޮށްދީފައިވަނީ ޓޮޓްނަމް ހޮޓްސްޕަރ އަށް ކުޅެމުންދާ މުހައްމަދު ކުޑޫސް އެވެ.

ގާނާ ވޯލްޑްކަޕަށް ކޮލިފައި ވެފައިވާއިރު މިއީ އުތުރު އެފްރިކާ އިން ބޭރުން މުބާރާތަށް ކޮލިފައިވި ފުރަތަމަ ގައުމެވެ. މީގެ ކުރިން އެފްރިކާ ބައްރުން ވޯލްޑްކަޕަށް ކޮލިފައި ވެފައިވާ ގައުމުތަކަކީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ކުޅުނު މޮރޮކޯ އާއި ޓިއުނީޝިއާގެ އިތުރުން އަލްޖީރިއާ އާއި މިސްރު އެވެ.

މި މެޗަށް ނިކުތްއިރުވެސް ޕޮއިންޓެއް ހޯދައިގެން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުވާނެ ފުރުސަތު ގާނާ އަށް އޮތްއިރު މި މެޗުގައި ކޮމޮރޯސް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ. ވަކިން ހާއްސަކޮށް ފުރަތަމަ ހާފުގައި ގާނާއިން އުފެއްދި ގިނަ ހަމަލަތަކެއް ހުއްޓުވުމުގައި ކޮމޮރޯސްގެ ގޯލުކީޕަރު ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އޮޓޯ އަޑޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ގާނާގެ ޓީމުން ކޮމޮރޯސް އާއި ދެކޮޅަށް ކުޅުނުއިރު މި ގްރޫޕްގައި މާލީ އާއި މަޑަގަސްކަރަ ބައްދަލުކުރި މެޗުގެ ނަތީޖާ އޮތީ މި މެޗަށް ވަރަށް ބޮޑަށް ބަރޯސާވެފަ އެވެ. ނަމަވެސް އެ މެޗުން މާލީ މޮޅުވުމާއިއެކު ގާނާއަށް އިތުރު ފަސޭހައެއް ލިބިގެންދިޔަ އެވެ.

މާލީ އަތުން މަޑަގަސްކަރަ ބަލިވުމާއިއެކު އެފްރިކާގެ ކޮލިފައިންގެ ގްރޫޕްތަކުގެ މެދުގައި ދެވަނަ އަށް އެންމެ މޮޅު 9 ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އެ ގައުމަށް ވަނީ ގެއްލިފަ އެވެ.