ޚަބަރު

ޠާލިބާނުންނާ އެކު ބަދަލުކުރި ޙަމަލާތަކުގައި ޕާކިސްތާނުގެ 58 ސިފައިން މަރުވުމުން ސަރަޙައްދީ ރޮނގު ބަންދުކޮށްފި


އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށް، ޕާކިސްތާނުގެ ގިނަ އަދަދެއްގެ ސިފައިންނާއި އަފްޣާނިސްތާނުގެ ހަނގުރާމަވެރިންތަކެއް މަރުވުމާ ގުޅިގެން، ސަރަޙައްދީ ރޮނގު ބަންދުކޮށްފިއެވެ.

މި ކުރިމަތިލުންތަކުގައި 23 ސިފައިންގެ މީހަކު މަރުވެފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވާއިރު، އަފްޣާނިސްތާނުގެ ނުވަ ހަނގުރާމަވެރިން މަރުވިކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

ނަމަވެސް، ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ 200 އަށް ވުރެ ގިނަ އަފްޣާނިސްތާނުގެ ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށެވެ. އޭގެ ރައްދުގައި އަފްޣާނިސްތާނުން ބުނަމުންދަނީ، މި ޙަމަލާތަކުގައި މަރާލެވުނު ޕާކިސްތާނުގެ ސިފައިންގެ އަދަދު 58އަށް އަރާ ކަމަށެވެ.

ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި މި ވަނީ، ކާބުލަށް ދާދި ފަހުން ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ޠާލިބާނުން ވަނީ އެ ޙަމަލާތަކުގެ ޒިންމާ ޕާކިސްތާނުގެ ކޮނޑުގައި އަޅުވާފައެވެ. ނަމަވެސް، ޕާކިސްތާނުން އެ ޙަމަލާތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ޠާލިބާނުންގެ ތުހުމަތުތަކަށް ރައްދު ދެމުން ޕާކިސްތާން ސަރުކާރުން ބުނީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާން ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް ކާބުލްގެ ސަރުކާރުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކަމުގައެވެ.

ޕާކިސްތާނުގެ މީޑިޔާތަކުން ބުނީ، އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ހަ ސަރަޙައްދަކަށް ޠާލިބާނުންގެ ފައުޖުން މިއަދުގެ ފަތިހުގެ ވަގުތެއްގައި ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. އަދި، އާޓިލަރީ ބަޑި ފަދަ ހަަތިޔާރު ބޭނުން ކޮށްގެން ޕާކިސްތާންގެ އަސްކަރިއްޔާއިން ޠާލިބާނުންނަށް ވަރުގަދަ ރައްދެއް ދީފައިވާ ކަމުގައި ވެސް މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.

ޕާކިސްތާނުގެ އޮފިޝަލުން ބުނީ ޑޫރަންޑް ލައިންގެ ނަމުން މަޝްހޫރު، އަފްޣާނިސްތާނާ 2،600 ކިލޯމީޓަރު ސަރަޙައްދީ ރޮނގު ހުރަސްކުރާ ހުރިހާ މަގުތަކެއް ބަންދުކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި، ސަރަޙައްދީ ރޮނގު ހުރަސްކުރަން ބޭނުންކުރާ މައި މަގުތައް ކަމަށްވާ ޓޯކްހަމް އާއި ޗަމަން، ޚަރުލާޗީ، އަންގޫރު އައްދާ އަދި ޣުލާމް ޚާން މިއަދު ވަނީ ބަންދުކޮށްފައެވެ.