ޚަބަރު

އައްޑޫސިޓީ ޓާޝަރީ ހޮސްޕިޓަލް ހެއްދެވުމަށް 20.9 މިލިއަން ޑޮލަރު


އައްޑޫސިޓީގައި ތަރައްޤީކުރައްވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ހެއްދެވުމަށް ސަޢުދީ ފަންޑާއި، އޯޕެކް ފަންޑުން 20.9 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ފަންޑު ހަމަޖެހުމާއެކު، ސަރުކާރުން މިހާރު ވަނީ، މަޝްރޫއު ޑިޒައިންކޮށް، މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޯއްދެވުމަށް އިޢުލާން ކުރައްވާފައެވެ.

ރާއްޖޭގެ އުތުރާ ދެކުނުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރެއްވުމަކީ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤާއްޔޫމްގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން ހދ.ކުޅުދުއްފުއްޓާއި، ސ.ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ. މި 2 ހޮސްޕިޓަލަކީ މާލޭގައި ހުންނަ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ފިޔަވާ އެންމެ ގިނަ މީހުން ޚިދުމަތް ހޯދަމުން ގެންދާ 2 ހޮސްޕިޓަލެވެ.

ސ.ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް، 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރެއްވުމުގައި ސަރުކާރުގެ ސިޔާސަތަކީ، މިހާރު ބޭނުންކުރަމުން އަންނަ ހިތަދޫ ރިޖަނަލް ހޮސްޕިޓަލް، ސާކް ސަމިޓަށް ހެއްދެވި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ބަދަލުކުރެއްވުމެވެ. މިގޮތަށް ނިންމެވީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގަމުން އަންނަ ޢިމާރާތަކީ ބާ ޢިމާރާތަކަށްވެފައި، އެތަން ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ވަރަށް، ޖާގަ އިތުރުކުރެވެން ނެތުމުން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ނިންމެވީ އެތަން، ބޭނުންނުކޮށް ހުރުމުގެ ސަބަބުން، ވީރާނާވަމުން ދިއުމާއެކު، އެތަނުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެގޮތަކީ ހޮސްޕިޓަލެއް ގޮތަށް އެތަން ބަދަލުކުރެއްވުން ކަމަށް ފަންނީ މާހިރުން ލަފާދެއްވާފައިވާތީ ކަމަށް ހައުސިންގ މިނިސްޓަރވެސް ވަނީ ވިދާޅުވެފައެވެ.

މިހާރު ހިތަދޫގައި ހައްދަވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، މި ހޮސްޕިޓަލް ހެއްދެވުމަށް، ސަޢުދީ ފަންޑުން ދީފައިވަނީ 12.5 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށާއި، އޯޕެކް ފަންޑުން ދީފައިވަނީ 8.4 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށެވެ. އެހެންކަމުން އައްޑޫގައި ހައްދަވާ އާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެއްޓެވޭނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ. ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް ހައްދަވާއިރު އެ ޢިމާރާތް ހުންނަ ސަރަޙައްދުގައި އިތުރު ޢިމާރާތެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. އެ ޢިމާރާތަކީވެސް ޒަމާނާގުޅޭ ފުރިހަމަ ޢިމާރާތަކަށް ވެގެންދާނެއެވެ. ކޮންވެންޝަން ސެންޓަރަކީ ސާކް ސަމިޓަށް ބިނާކުރެއްވި ތަނެއްކަމުން ހޮސްޕިޓަލަކަށް ބަދަލުކުރާއިރު، އެތަނުގެ އިންޓީރިއަރ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. އަދި މި މަޝްރޫޢު ނިމޭއިރު، ހޮސްޕިޓަލްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ރެކްރިއޭޝަން ސަރަޙައްދެއްވެސް ޤާއިމް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.