ބަންގްލަދޭޝްގައި ކުރިއަށްދާ އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން، އައިޓީއެފް ޖޭ30 މުބާރާތެއްގެ ސިންގަލްސް ކެޓެގަރީން ރާއްޖޭގެ އާރާ އާސަލް އާޒިމް ދެވަނަ ހޯދައިފިއެވެ.
މި މުބާރާތުގެ ފުރަތަމަ ހަފްތާގެ ކުޅުން ނިމިފައިވާއިރު އާރާވަނީ ސިންގަލްސް ކެޓަގަރީގައި މޮޅު ކުޅުމެއް ދައްކާފައެވެ. 6-10 އޮކްޓޫބަރުގެ ނިޔަލަށް ބަންގްލަދޭޝްގެ ރާޖްޝާހީގައި ކުރިޔަށް ގެންދިޔަ ފުރަތަމަ ހަފްތާގައި އާރާ ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި ޗައިނާގެ ޓިއަންރަން ޑޮން އަތުން ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ސެމީ ފައިނަލްގެ ދެ ސެޓްވެސް އާރާ ގެންދިޔައީ 6-1، 6-1 ގެ ނަތީޖާއަކުންނެވެ.
ފައިނަލްގައި އާރާ ވާދަކުރީ ޗައިނާގެ ޒިޖިއެ ޔަންގާއި ދެކޮޅަށެވެ. އޭނާ އަތުން އާރާ ބަލިވީ 5-7، 6-3 އަދި 3-6 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ފުރަތަމަ ހަފްތާގައި ރާއްޖޭގެ ނަބާ ނިޝާންވެސް ވާދަކުރިއެވެ. އޭނާ ވަނީ ޑަބަލްސް ކެޓަގަރީން ވާދަވެރި ކުޅުމަކަށްފަހު ސެމީ ފައިނަލާހަމައަށް ދަތުރުކޮށްފައެވެ.
މި މުބާރާތުގެ ދެވަނަ ހަފްތާގެ ކުޅުން ކުރިޔަށްދާނީ 13-17 އޮކްޓޫބަރަށް ޑާކާ ސިޓީގައެވެ. ދެވަނަ ހަފްތާގައިވެސް ސިންގަލްސް އަދި ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އާރާ ވާދަކުރާނެއެވެ.