ޚަބަރު

ހަނިމާދޫ ރީތިކޮށް ބޭއްވުމަށް އެރަށު އަންހެނުން ކުރާ މަސައްކަތް


ރާއްޖެއަކީ ޤުތުރަތީ ގޮތުން ރީތި ރަށްތަކެއް ލިބިފައިވާ ޤައުމެކެވެ. ރީތި ސާފު މޫދަކާއި ކަނޑުފަޅުތަކެއް ލިބިފައިވާ ޤައުމެކެވެ. މި ޤައުމު ރީތިކޮށް ސާފުކޮށް ބޭއްވުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރާ އެއްބަޔަކީ މި ރަށްތަކުގެ ދިރިއުޅޭ ހީވާގި އަންހެން ކަނބަލުންނެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން ހދ. ހަނިމާދޫގައި ދިރިއުޅޭ ގިނަ އަންހެނުންނަކީ އެރަށް ސާފުކޮށް، ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުން އަންނަ ބަޔެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ޕީއެސްއެމް ނިއުސްއިން އެރަށަށް ކުރި ދަތުރުގައިވެސް އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކީ އެރަށުގެ ސާފުތާހިރުކަމެވެ. ރަށުގެ މަލަމައްޗަށް ބަލާލުމުންވެސް މިކަން ވަރަށް ރަނގަޅަށް ފެނެގެންދެއެވެ. ރަށުގެ އެކި އަވަށްތަކަށް ބަހަލައިގެން ކޮންމެ ހަފްތާއަކު ދެދުވަހު ކުރަމުންދާ މި މަސައްކަތަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ގޭގައި މަސައްކަތްތާކައި ދަރިން ބެލުމުގައި ޒިންމާގައި އަދާކުރަމުން މިފަދަ ބޮޑު މަސައްކަތެއް ކުރަމުން ގެންދާނީ ހަމަޔަޤީނުންވެސް ރަށަށް އޮންނަ ލޯބި ބޮޑުކަމުންނެވެ. ހަނިމާދޫގެ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައި އިސްރޯލެއް އަދާކުރަމުން އަންނަ އަންހެނުންނާ ވާހަކަ ދައްކާލުމުން ގިނަ އަންހެނުން ބުނީ މިކަން ކުރަނީ ވަރަށް ކުރާހިތުން ކަމަށާއި، ރަށަށް އަންނަށް މެހުމާނުން މިކަން ބަލައިގަންނާތީ ވަރަށް އުފާވާކަމަށެވެ. ކުނިކަހަން އޮންނަށް ދުވަހު ވިއްސާރަވެއްޖެނަމަ ވިއްސާރަ އަލިވުމުން އެމީހުން ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށް މަސައްކަތް ކުރާކަމަށް ބުންޏެވެ.

ހަނިމާދުއަކީ ބިން ބޮޑު ރަށެއް އެހެންކަމުން އެރަށް މިހާ ސާފުކޮށް ބެލެހެއްޓުން ވެގެންދާނީ ބުރަ މަސައްކަތަކަށެވެ. ރަށުގެ މިކަމުގެ އިސްކޮށްއުޅޭ އަންހެނަކާ ވާހަކަދައްކާލުމުން ބުނީ ހުރިހާ މީހުންނަށް ކުނި ކެހުމަށް ގޮވާލުމަކީވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. މިހާރު މީހުން ޖަމާކުރުމުގެ މަސައްކަތް ކުރަމުންދަނީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ. އަދި މި މަސައްކަތް ކުރާ ގިނަ އަންހެންވެރިންގެ އުންމީދަކީ ގިނަ އަންހެނުން މިކަމަށް ނިކުމެ މިހާރަށްވުރެ ބޮޑަށް އެންމެންގެ އެއްބާރުލުމާއެކު މި މަސައްކަތް ކުރުމެވެ. އަދި މިހާރަށްވުރެ ރަނގަޅު އުޖޫރައެއް ލިބޭނެފަދަ ގޮތަކަށް މިކަންމަށް މަގުފަހިވެގެން ދިއުމެވެ. މިފަދަ މަސައްކަތަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކިންގެން ކުރާނަމަ ރަށަށް ލިބިގެންދާ ރީތި ނަމަކީ ހަމަތިމާއަށްވެސް ލިބިގެންދާނެ ރީތި ނަންކަން ޔަޤީނެވެ.