ޚަބަރު

ވަޤުފު ބިންތަކުގައި އިމާރާތްތައް އެޅުއްވުމަށް ފައިސާ ހޯއްދަވަނީ


ވަޤުފު ބިންތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބައެއް ބިންތަކުގައި ވަޤުފު އިމާރާތްތައް އެޅުއްވުމަށް ފައިސާ ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ވަޤުފު ބިންތަކުގެ ގޮތުގައި ތިންހަތަރު ބިމެއް ކަނޑައަޅުއްވާފައިވާއިރު މީގެތެރެއިން ދެބިމެއްގައި މިއަހަރުގެ ތެރޭގައި އިމާރާތްކުރަން ފެށޭވަރު ވާނެކަމަށެވެ. އަދި މިހާރު އިމާރާތްކުރައްވައި ނިމިފައިވާ 10 ބުރީގެ ވަޤުފު ޢިމާރާތްވެސް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ޢިމާރާތެއްގެ މަސައްކަތް ނިންމަވާ ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެ މިނިސްޓްރީން، މިހާރު ގެންދަވަނީ އިތުރު ވަޤުފު ޢިމާރާތްތައް އެޅުއްވުމަށް ފައިސާ ހޯއްދަވަމުންނެވެ. އަދި ވަޤުފާގުޅޭ ބިލެއް ޑްރާފްޓް ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ޢިމާރާތް ކުރައްވާފައިވާ ދާރުލްޢުލޫމް ޢިމާރާތް ހުޅުއްވުމަށް ތައްޔާރު ވެވަޑައިގަންނަވަމުން އަންނައިރު ޢިމާރާތް ފުރަތަމަ ކުއްޔަށް ދޫކުރައްވަނީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ. އަދި މި އިމާރާތް ކުއްޔަށް ދެއްވުމުގެ އުޞޫލެއް ކަނޑައަޅުއްވައި، އިމާރާތް ކުއްޔަށް ދެއްވައިގެން ލިބޭ ޢާމްދަނީ ޚަރަދުކުރައްވާނީ މިސްކިތްތައް ބެލެހެއްޓެވުމާއި، މިސްކިތްތައް މަރާމާތު ކުރެއްވުން ފަދަ މިސްކިތްތަކާއި ގުޅޭ ކަންކަމަށް ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވިއެވެ. މިސްކިތްތަކަކީ މިހާރުވެސް ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކޮންމެ އަހަރަކުވެސް ކުރެވޭ ތަންތަންކަން ފާހަގަކުރައްވައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ވަޤުފު ބިލްޑިންގާއި އަދި ޕްލޭން ކުރެވިފައިވާ ތަންތަން މެދުވެރިކޮށް ލިބޭ ފައިސާއިން މިސްކިތްތަކަށް ދައުލަތުންކުރާ ހޭދައަށް ލުޔެއް ގެނެސްދެވޭނެ ކަމަށެވެ.

"މިސްކިތްތައް ބެލެހެއްޓުމަކީ ޙަޤީގަތުގައި ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭކަމެއް... ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ހަމަ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ޢިނާޔަތުގެ ދަށުން 20 މިލިޔަނުން 30 މިލިޔަނުން މިދަނީ އާބަތުރު ފިލުވުމަށްޓަކައި ކޮންމެ އަހަރަކުވެސް މަސައްކަތްތަކެއް ކުރަމުން... މިއީ ހަމައެކަނި ކުއްލިއަކަށް ރަމަޟާން މަހަށްކުރެވޭ ޚަރަދު... އޭގެ އިތުރަށް މިސްކިތްތަކުގެ އެކިއެކި ސައުންޑް ސިސްޓަމްތައް ބަދަލުކުރުމުގެ މަސައްކަތާ، މިސްކިތްތަކުގައި ކުލަލުމާ، މިސްކިތްތަކަށް ބޭނުންވާ އެހެނިހެން ވަޟީލަތްތައް ޤާއިމުކުރުމާ، އެތަނުގެ ސާފުކޮށް ބަލަހައްޓާނެ މީހުން ހަމަޖެއްސުމަކީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާ ކަމެއް އެއީ" އިސްލާމިކް މިނިސްޓްރީގެ ނައިބު މުޙައްމަދު މުސްޠަފާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ވަޤުފު ޢިމާރާތްތަކުން ލިބޭ އެއްޗަކުން މިހޭދަ ކުރެވޭގޮތްވުމުން ދައުލަތުގެ ބަޖެޓަށްވެސް ލުއިކަމެއް ލިބި، މިސްކިތްތަކަށް އިތުރު އާރޯކަން ލިބިގެންދާނެ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިހާރު ހުރި ވަޤުފު އިމާރާތް ކުއްޔަށްދެއްވަނީ ސަރުކާރުގެ އިމާރާތްތަކަށް ނަމަވެސް ކުލި ކަނޑައަޅާފައިވާނީ ސަރުކާރުން ތަނެއް ކުއްޔަށްހިފަން އޮންނަ އެންމެ މަތީ ރޭޓުން ކަމަށެވެ.

"މިވަގުތު ސަރުކާރުން ތަނެއް ހިފާ އެންމެ މަތީ ރޭޓަކީ އަކަފޫޓަކަށް 40 ރުފިޔާގެ ރޭޓު.. އެހެންވީމާ އަކަފޫޓަކުން 40 ރުފިޔާގެ ރޭޓުން އަޅުގަނޑުމެން އެތަން ކުއްޔަށްދޫކޮށް އެތަނުން ލިބެންއޮތް އެންމެމަތީ، ހަމަ އެންމެ ރަނގަޅު އާމްދަނީއެއް ވަގުފު ފަންޑުގެ ތެރެއަށް ވައްދައިދޭނަން." އިސްލާމިކް މިނިސްޓްރީގެ ނައިބު މުޙައްމަދު މުސްޠަފާ ވިދާޅުވިއެވެ.

މި އިމާރާތުގެ ކޮންމެ ފަނގިފިލައެއްގައި 1،200 އަކަފޫޓް ބޭނުންކުރެވެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ވަޤުފު އިމާރާތަކީ ދައުލަތުންވިޔަސް އަމިއްލަ ފަރާތަކުންވިޔަސް މާތްﷲ އަށްޓަކައި ޚަރަދުކުރެވޭ ފައިސާއިން ކުރެވޭ އިމާރާތް ތަކެކެވެ. މިސްކިތްތަކުގެ މަރާމާތާއި އާބާތުރަ ފިލުވުމަށް މިސްކިތުގެ ފަންޑުގެ ނަމުގައި ޤާއިމު ކުރައްވާފައިވާ ފަނޑަށް މިހާރުވެސް ތަރުހީބު ލިބެމުންދާއިރު، އެފަންޑަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.