އަންހެން ކުދިންގެ އަޑު އަހައި އެ ކުދިންނަށް އިޙްތިރާމް ލިބޭނެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ އަންހެން ކުދިންގެ ހިތްވަރާއި، ޤާބިލުކަމާއި އަދި އޯގާތެރިކަން ފާހަގަކުރައްވާފައެވެ. އަދި މުޖުތަމައުގެ ތަރައްޤީއަށް އަންހެން ކުދިން ގެންނަ ބަދަލުތަކާއި، ދަތި އުނދަގޫ ވަގުތުތަކުގައިވެސް ސާބިތުކަމާއެކު ކުރިއަށްދާ ދިއުމަކީ އެ ކުދިންގެ ކެރުންތެރިކަން ދައްކުވައިދޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އަންހެން ކުދިންގެ އަޑު އަހައި، އެ ކުދިންނަށް އިޙްތިރާމް ލިބޭނެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި، އަދި އެ ކުދިންނަށް ތަޢުލީމު ޙާޞިލުކޮށް، މުޖުތަމައަށް ޙިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
On this #DayOfTheGirl, we celebrate the courage, brilliance, and compassion of girls everywhere. From leading change in their communities to standing strong in times of crisis, girls are the trailblazers that show us what resilience truly looks like.
— First Lady Sajidha Mohamed (@sajidhaamohamed) October 11, 2025
We must all work together to… pic.twitter.com/gn38bJuKA1
ބައިނަލްއަޤުވާމީ ގޮތުން އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމަށާއި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.
މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ "ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް" މިއެވެ. މި ޝިއާރުގެ ދަށުން އަންހެން ކުދިންގެ ލީޑަރޝިޕް ސިފަތައް އިތުރުކޮށް، އެ ކުދިންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.