ވިޔަފާރި

ދުވާލަކު 500 ދަތުރުވެރިންނަށް މިހާރު ޑޮލަރު ލިބޭނެ- ބީއެމްއެމް


ޑޮލަރު ލިބުމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ކުރިއަށް އޮތް ދެހަފްތާގައި ބެންކް އޮފް މޯލްޑިވްސްއިން ދުވާލަކު 500 ދަތުރުވެރިންނަށް ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

މި އިންތިޒާމް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ނިންމާފައިވާ އިރު، ފާއިތުވި ހަފްތާތަކުގައި ބީއެމްއެލް އިން ކޮންމެ ދުވަހަކު ގާތްގަޑަކަށް 350 ދަތުރުވެރިންނަށް، ޓިކެޓަކަށް 500 ޑޮލަރު ދޫކޮށްފައިވާކަމަށް އެބޭންކުން ހާމަކުރެއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ފަސޭހައިން ޑޮލަރު ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފެއްޓެވި މަސައްކަތުގެ ދަށުން، އެ އިދާރާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ބޭންކަކީ ބީއެމްއެލްކަންވެސް އެ ބޭންކުން ފާހަގަކުރެއެވެ. މި ގޮތުން، މި އަހަރުގެ މިހާތަނަށް، ދަތުރުވެރިންނަށް 39 މިލިޔަން އެމެރިކާ ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި، މި އަދަދަކީ، އެމްއެމްއޭއިން ބޭންކަށް ދޫކުރާ ޑޮލަރުގެ އިތުރުން، ބޭންކުން މިކަމަށް ބޮޑު އަދަދެއް ކަނޑައަޅައިގެން ކޮށްފައިވާ މުޢާމަލާތްތަކެއްކަމަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީން ޑޮލަރު ހޯދުމަށް އޮތް ޑިމާންޑް އިތުރުވަމުން ދިއުމާއި ގުޅިގެން، ދަތުރުވެރިންނަށް ވިއްކުމަށް ޚާއްޞަކޮށްފައިވާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.

މި ބަދަލާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހިލީ ވިދާޅުވި ގޮތުގައި، މިއީ ޑޮލަރު ގަތުމަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއްކަން ބޭންކަށް އެނގޭ ކަމަށެވެ. އަދި، ޚާއްސަކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ދަތުރުވެރިންގެ މެދުގައި ޑޮލަރު ގަތުމަށް ބޮޑު ޑިމާންޑެއް އޮތުމުން، ޑޮލަރު ގަތުމުގައި ކަސްޓަމަރުންނަށް ވީހާވެސް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"މިއީ ޑޮލަރު ގަތުމަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެއްކަން ބޭންކަށް އެނގޭ، ޚާއްސަކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ދަތުރުވެރިންގެ މެދުގައި. ކަސްޓަމަރުންގެ އަޑުތައް އަޅުގަނޑުމެން އަހައިފިން އަދި އަޅުގަޑުމެން މިދަނީ ކަސްޓަމަރުން އެދޭ ގޮތަށް ޚިދުމަތް ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން." މިބަދަލާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހިލީ ވިދާޅުވިއެވެ.

ދަތުރުވެރިންނަށް ޑޮލަރު ވިއްކާ މި ސްކީމްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ ގޮތުންވެސް ފިޔަވަޅުތަކެއް އެޅުމަށް ބީއެމްއެލްއިންވަނީ ނިންމާފައެވެ. މީގެ ތެރޭގައި، ޓިކެޓް ހިފައިގެން ޑޮލަރު ގަންނަން އަންނަ ފަރާތަކީ ދަތުރު ކުރާ ފަރާތްކަމުގައި ވާން ޖެހުމާއި، ޢާއިލާއާއިއެކު ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް ހުށައެޅުމުން ގިނަވެގެން ފަސް ޓިކެޓަށްވާ ޑޮލަރު ދަތުރު ކުރާ ކޮންމެވެސް އެއް ފަރާތަކަށް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެއެވެ. އަދި 21 އޯގަސްޓުން ފެށިގެން ބީއެމްއެލްގެ ބާޒާރު ބްރާންޗްގެ ޚިދުމަތްތައް އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުރި ބޭންކުގެ ބްރާންޗަށް ބަދަލުވި ނަމަވެސް، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސީ ޓްރެކްސް ޢިމާރާތުގައި މިހާރުވެސް ދެމުންގެންދާ ޑޮލަރު ވިއްކުމުގެ ޚިދުމަތް ކުރިއަށް އޮތް ދެ ހަފްތާގައިވެސްފޯރުކޮށްދިނުމަށް ބީއެމްއެލުންވަނީ ނިންމާފައެވެ.