ތަރައްްޤީ

ކައިރި ޤައުމުތަކަށް އޮންއެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސަނީ


ސަރަޙައްދީ ޤައުމުތަކުގެ އިތުރުން އެހެން ޤައުމުތަކަށްވެސް ކުރިން ވިސާ ނެގުމަކާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމް ވިދާޅުވެއްޖެއެވެ.

ފޮރިންގ މިނިސްޓަރ ވިދާޅުވީ، އެ މިނިސްތްރީން އަބަދުވެސް މަސައްކަތްކުރައްވަނީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް، ދަތުރުކުރުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސަވައިދެއްވުމަށްކަމަށެވެ. އަދި މީގެތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ، ވިސާ ހޯދުމުގެ އިންތިޒާމްތައް ފަސޭހައިން ހަމަޖައްސަވައިދެއްވުންކަމަށެވެ.

ޕީއެސްއެމަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ފޮރިންގ މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމް ވިދާޅުވީ، ވިސާ ވެއިވަރ އެގްރީމެންޓް ހެދިފައި ނެތް ޤައުމުތަކާއިއެކު އެފަދަ އެއްބަސްވުންތަކެއް ހެއްދެވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ. އަދި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކާއިއެކު އެފަދަ އެއްބަސްވުންތައް އެކުލަވާލައްވާ، ކުރިން ކުރިން ވިސާ ނެގުމަކާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށްކަމަށެވެ.

ބޭސްފަރުވާއަށާއި، ތަޢުލީމާއި، ވިޔަފާރީގެ ބޭނުންތަކަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކުގެ ތެރޭގައި އަވަށްޓެރި ޤައުމުތައްކަމަށްވާ އިންޑިއާއާއި ސްރީލަންކާ، އަދި މީގެ އިތުރުން މެލޭޝިޔާ އަދި ތައިލެންޑްވެސް ހިމެނެއެވެ. އެ ޤައުމުތަކަށް ދަތުރުކުރާ، އަދި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ކޮންސިއުލަރ ޚިދުމަތްތައް ދެއްވުމަށް އެ ޤައުމުތަކުގައި ކޮންސިއުލަރ އޮފީސްތައް ޤާއިމްކުރައްވާފައިވެއެވެ. އަދި އޮންލައިން ރެޖިސްޓްރޭޝަން ހެދުމާއި، އިންޓަރނެޓް މެދުވެރިކޮށް އެ ޤައުމުތަކުގައި ތަފާތު ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މިފަަދަ އިންތިޒާމްތައް ހަމަޖެހިގެން ދިއުމަކީ ތަފާތު އެކި ބޭނުންތަކަށް ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހީންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށް ފޮރިންގ މިނިސްޓްރީން ޤަބޫލްކުރައްވައެވެ.