ޚަބަރު

ބޭސްފަރުވާގެ އެހީއަށް މިދިޔަމަހު އެންސްޕާއިން 21.8 މިލިޔަނަަށްވުރެ ގިނަ ރުފިޔާ!


  • ރާއްޖޭގައި ބޭސް ފަރުވާކުރި މީހުންނަށް 21.9 ރުފިޔާ

  • ރާއްޖެއިން ބޭރުގައި ބޭސް ފަރުވާކުރި މީހުންނަށް 8.9 ރުފިޔާ

  • ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 25،640 ރުފިޔާ

ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަމަހު އެންސްޕާއިން 21.8 މިލިޔަނަަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މަހު އެންސްޕާއިން އެންމެ ގިނަ އަދަދަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ރާއްޖޭގައި ބޭސްފަރުވާ ފަރުވާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިޖުތިމާއީ ރައްކާތެރިކަން ކަަށަވަރުކުރުމަށް ނޭޝަނަލް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާ މެދުވެރިކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އަދި އެނޫންވެސް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް އެންސްޕާއިން ވަނީ 21،836،306 (އެކާވީސް މިލިޔަން އަށްލައްކަ ތިރީސް ހަހާސް ތިންސަތޭކަ ހައެއް) ރުފިޔާ ޚަރަދުކޮށްފައެވެ.

ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 21.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބޭސް ފަރުވާކުރި ފަރާތްތަކަށް ޚަރަދުކުރި 12،931،030 (ބާރަ މިލިޔަން ނުވަލައްކަ ތިރީސް އެއްހާސް ތިރީސް) ރުފިޔާ އަދި ރާއްޖެއިން ބޭރުގައި ބޭސް ފަރުވާކުރި ފަރާތްތަކަށް ޚަރަދުކުރި 8،905،276 (އަށްމިލިޔަން ނުވަލައްކަ ފަސްހާސް ދުވިސައްތަ ހައްދިހަ ހައެއް) ރުފިޔާއެވެ.

މިދިޔަ މަހު އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ، 14،790 މީހަކަށް މާލީ އެހީގެ ގޮތުގައި 52،818،000 (ފަންސާސް ދެމިލިއަން ހަލައްކަ އަށާރަ ހާސް) ރުފިޔާ ޚަރަދުކޮށްފައެވެ. މިދިޔަ މަހު އަލަށް މިދަފްތަރުގައި 144 މީހަކު ވަނީ ރަޖިސްޓްރީކޮށްފައެވެ.

ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު އެންސްޕާއިންވަނީ 25،640 (ފަންސަވީސް ހާސް ހަސްތޭކަ ސާޅީސް) ރުފިޔާ ޚަރަދުކޮށްފައެވެ. އަލަށް 3 މީހަކަށް މިއެހީ ފޯރުކޮށްދީފައިވާއިރު، ޖުމްލަ 698 މީހަކަށް ކާބޯތަކެތި ގަތުމަށްވަނީ އެހީފޯރުކޮށްދީފައެވެ.

ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމު މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު އެސިސްޓިވް ޑިވައިސްތަކަށް މިދިޔަ މަހު އެންސްޕާއިން ވަނީ މުޅި ޖުމްލަ 3،323،632 ރުފިޔާ ޚަރަދުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހިއަރިންގް އެއިޑް އަދި ބައިޕެޕް މެޝިން އަދި މާސްކް ފޯރުކޮށްދިނުމަށެވެ.

އެންސްޕާއިން ހަމަޖައްސައިދެއްވި އެސިސްޓިވް ޑިވައިސްތަކުގެ ތަފްސީލު:

* ހިއަރިންގް އެއިޑް: 33
* ބައިޕެޕް މެޝިން އަދި މާސްކް: 30
* ވީލްޗެއަރ: 25
* އޮކްސިޖަން ކޮންސެންޓްރޭޓަރ: 21
* ހޮސްޕިޓަލް ބެޑް އަދި އެއަރ މެޓްރެސް: 20
* ސީޕެޕް މެޝިން: 6
* އިލެކްޓްރިކް ވީލްޗެއަރ: 5
* ވޯކަރ: 5

ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާގެ އިތުރުން އާސަންދައިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އާސަންދައިގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ރަނގަޅު ޚިދުމަތެއް ދިނުމަށްވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ އިތުރުން ރާއްޖޭގައި ދެވޭ ސިއްހީ ފަރުވާތައް އިތުރަށް ހަރުދަނާކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.