ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްޤެއް ކަމަށާއި، އެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ، އިންސާނީ ހައްޤެއްކަމަށާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އިސްކަންދެއްވާކަމަށެވެ. މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރު ގުޅެނީ، އިންސާނީ ކާރިސީ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިވަގުތަށްވެސް ކުރަން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މިކަން ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް، އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މިދާއިރާ ހަރުދަނާ ކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޚާއްސަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމާޢި، ސިއްޙީ ގޮތުން ކުރިމަތިވާ ހާލަތްތަކުގައިއާއި އިންސާނީ ކާރިސާތަކަށް އިޖާބަ ދިނުމުގައި ނަފްސާނީ އެހީތެރިކަން މުހިންމު ދައުރެއް އަދާ ކުރެވޭނެހެން ކަންކަން ބައްޓަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަފްސާނީ ދުޅަހެޔޮކަމަކީ، ފަރުދުންނާއި ޢާއިލާތަކުގެ އަދި ޤައުމުގެވެސް ބިންގާކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.
ނަފްސާނީ ދުޅަހެޔކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙުކޮށް ޚިދުމަތް މިދިޔަ އަހަރު ފެބްރުއަރީ މަހު 21 ވަނަ ދުވަހު ވަނީ ފަށްޓަވާފައެވެ.
ނަފްސާނީ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިންގެ މައިގަނޑު އެއް މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި، ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ފޯރުކޮށްދިނުމެވެ. މިނަންބަރުން ނަފްސާނީ ސިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލްގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެކަމަށްވެސް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ވަނީ ނަފްސާނީ އެހީތެރިކަން ފަަސޭހައިން ލިބޭނެ ގޮތް ހެދުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ.