ޚަބަރު

ބޮޑުގެ މިސްކިތް މިމަހު 17ގައި ބަންދުކޮށް، ދާއިމީ މިސްކިތެއް އަޅަނީ


  • މިމަހުގެ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން މިސްކިތް ބަންދުކުރާނެ

  • މިއީ 3 ފަންގިފިލާގެ ދާއިމީ މިސްކިތެއް

މާފަންނު ބޮޑުގެ މިސްކިތް ބަންދުކޮށް އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް މިމަހުގެ 17 ވަނަ ދުވަހު ފަށްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މާފަންނު ބޮޑުގެ ބިމުގައި ދާއިމީ މިސްކިތެއް ބިނާކުރުމަށް ވިޔަފާރިވެރިންގެ ޓީމަކާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މާފަންނު ބޮޑުގެ މިސްކިތް، މިމަހުގެ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން ބަންދު ކުރާނެކަމަށެވެ. އެއަށްފަހު، އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތްފަށްޓަވާނެކަމަށާއި، އަންނަ މަހުގެ 4 ވަނަ ދުވަހު އެތަނުގައި އައު ޒަމާނީ މިސްކިތުގެ ބިންގާ އަޅާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާފަންނު ބޮޑުގެ ބިމުގައި ބިނާކުރަނީ 3 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. އަދި އެ މިސްކިތް ބިނާކުރަނީ، ނަމާދުކުރުމުގެ އިތުރުން ދީނީ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ކްލާސްތައްވެސް ހިމެނޭގޮތަށެވެ. އެގޮތުން މިސްކިތުގެ ނަމާދުކުރާ ބައިގެ އިތުރުން، ޤުރްއާނުގެ ޢިލްމު އުނގަންނައިދެވޭގޮތަށް ކްލާސްރޫމާއި ލައިބްރަރީ ހުންނާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މާލެއާއި އަތޮޅުތެރޭގައި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތަކުގެ 15 މަޝްރޫޢެއް ނިމި އަންނަ ރަމަޟާން މަހުގައި ބޭނުންކުރަން ފެށޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މީގެ ތެރެއިން ބައެއް ތަންތަން މިހާރު ހުރީ ނިމި ރަސްމީކޮށް ހުޅުވަންވެފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.