ދުނިޔެ

ރެފިއުޖީން ދަތުރުކުރި ބޯޓަކުން ކަނޑުވި 6 ރެފިއުޖީއަކު މަރުވެއްޖެ


މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރުމަށް މަސައްކަތްކުރި ރެފިއުޖީންތަކެއް ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިއަށް ދިއުމުގެ ސަބަބުން 6 މީހުން މަރުވެއްޖެއެވެ.

ލީބިޔާގެ އައްސޭރި ފަށުގައި ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނެއެވެ. ސޫރިޔާގެ 27 ރެފިޔުޖީން ގޮވައިގެން ދަތުރުކުރަމުންދިޔަ މި ބޯޓު ކަނޑުވި ހާދިސާގައި މަރުވި 3 ކުޑަކުދިންނަކީ 8 މަހުގެ ތުއްތު ދެކުދިންނާއި، 5 އަހަރުގެ ކުއްޖެކެވެ. މީގެ އިތުރުން މި ޙާދިސާގައި މަރުވެފައިވަނީ 2 އަންހެނުންނާއި ފިރިހެނެކެވެ.

މި ހާދިސާގައި ކަނޑުވެ، ގެއްލިފައިވާ 5 އަހަރުގެ އިތުރު ކުއްޖެއްގެ ހަށިގަނޑު އަދިވެސް ނުފެންނަކަމަށް، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަމުންދާ ޓީމްތަކުން ބުނެއެވެ. މި ބޯޓުގައި ދަތުރުކުރަމުންދިޔަ އިތުރު 21 މީހުން މިހާރުވަނީ، މަސް ބޯޓަކާއި، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތެއްކަމަށްވާ ޕްރޯއެކްޓިވާ އޯޕަން އާމްސްގެ ބޯޓަކަށް އަރުވާފައެވެ.

ފާއިތުވި ބުރާސްފަތި ދުވަހު އެކަނިވެސް، ލީބިޔާއިން ފުރައިގެން އިޓަލީ ވިލާތަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުވި ފަސްސަތޭކައަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވެއެވެ.