ދުނިޔެ

އިލާޒިގްގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ، ޕީކޭކޭއިން އުފުލައިފި


ތުރުކީވިލާތުގެ އިރުމަތީ ރަށެއްކަމަށްވާ އިލާޒިގްގައި ބުރާސްފަތި ދުވަހު ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ޒިންމާ، ކުރްދިސްތާން ވޯކަރސް ޕާޓީ ޕީކޭކޭއިން އުފުލައިފިއެވެ.

އިލާޒިގްގެ ފުލުހުންގެ މަރުކަޒަކަށް ޢަމާޒުކޮށް ދިން މި ހަމަލާގައި ފުލުހުންގެ 3 މީހުން މަރުވެ، ދުއިސައްތައަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި 85 ފުލުހުންވެސް ހިމެނެއެވެ.

ބުރާސްފަތި ދުވަހު ތުރުކީ ވިލާތުގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކުގައި ޖުމްލަ 10 މީހުން މަރުވެފައިވެއެވެ.

ތުރުކީ ވިލާތުގެ ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި މިދިޔަ މަހު ހިންގި ނާކާމިޔާބު ބަޣާވާތަށްފަހު އެ ޤައުމުގެ ސަލާމަތީ ފައުޖުތަކާއި ދެކޮޅަށް ޢަމާޒުކޮށްދީފައިވާ ޙަމަލާތަކުގެ އަދަދުވަނީ އިތުރުވެފައެވެ. އަދި، ބަޣާވާތާއި ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ތިން ހާހަށްވުރެ ގިނަ ޕީކޭކޭ ހަނގުރާމަވެރިން، ތަފާތު އެކި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވާއިރު، އެކި ހާދިސާތަކުގައި ޕީކޭކޭއަށް ނިސްބަތްވާ 128 މީހުން މަރުވެފައިވެއެވެ.