ތަޢުލީމު

"އަސާ" އެޑިއުކޭޝަން ފެއަރ އާޓް ގެލެރީގައި ފަށައިފި


އޭލެވެލް ނިންމާ ދަރިވަރުންނަށް ބޭރު ޤައުމުތަކުގެ ކޮލެޖްތަކުން މަތީ ތަޢުލީމްގެ ފުރުޞަތު ހޯދައިދެއްވުމަށްޓަކައި އެކްސެސް ސްޓަޑީ އެބްރޯޑް "އަސާ" އިން ބާއްވަމުން އަންނަ އެޑިއުކޭޝަން ފެއަރ ނޭޝަނަލް އާރޓް ގެލަރީގައި ފަށައިފިއެވެ. 

މިއަހަރުގެ ފެއަރ ޚާއްޞަކޮށްފައިވަނީ މެޑިކަލް ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ދަރިވަރުންނަށެވެ. އޭލެވެލް ނިންމުމަށްފަހު މަތީ ތަޢުލީމް ޙާޞިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެކްސެސް ސްޓަޑީ އެބްރޯޑް "އަސާ" އިން ބާއްވަމުން އަންނަ އެޑިއުކޭޝަން ފެއަރގެ ބޭނުމަކީ މަތީ ތަޢުލީމު ޙާޞިލްކުރަން ބޭނުންވާ ދަރިވަރުންނާ ކޮލެޖްތަކާ ގުޅުވައިދޭނެ ސީދާ ޕުލެޓްފޯމެއް ޤާއިމްކޮށްދިނުންކަމަށް އަސާއިން ބުނެއެވެ. އަދި މި ފެއަރ ޚާއްޞްކޮށްފައިވަނީ ބަންގްލަދޭޝްގެ ޑެންޓަލް އަދި މެޑިކަލް ކޮލެޖްތަކަށްކަމަށްވެސް ބުނެއެވެ. ކޮލެޖްތަކުގެ އެގްޒެކްޓިވް ޑިރެކްޓަރުންނާއި، ޕްރިންސިޕަލުންނާއި، މެޑިކަލް ޑައިރެކްޓަރުން އަދި ލެކްޗަރާއިންނާއި ޕްރޮފެސަރުން އެ ބޭފުޅުންގެ ތަޢުލީމީ މަރުކަޒުތައް ތަމްސީލްކޮށްދެއްވުމުގައި މި ފެއަރގައި ޙަރަކާތްތެރި ވެވަޑައިގަންނަވަމުން އެބަގެންދަވައެވެ. 

މި ކޮލެޖްތަކުގެ ތެރޭގައި "އަޑް ޑީން މެޑިކަލް ކޮލެޖް، ސައްޕޯރޯ ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލް، ޕޮޕިއުލަރ މެޑިކަލް ކޮލެޖް، ބަންގްލަދޭޝް މެޑިކަލް ކޮލެޖް، އަންވަރ ޚާން މޮޑަރން މެޑިކަލް ކޮލެޖް އަދި ހޯލީ ފެމިލީ މެޑިކަލް ކޮލެޖް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އޭއެސްއޭގެ އެމްޑީ އަދި ސީއީއޯ އަޙްމަދު ޢާދިލް ވިދާޅުވީ މި ފަހަރުގެ ފެއަރ މެޑިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާއިރު، މި ފެއަރގެ ތެރެއިން ޕްލޭސްމެންޓް ހިލޭ ލިބޭނެކަމަށެވެ. އަދި ދާން ބޭނުންވާ ދާއިރާތައް ހޯދުމަށް ފަސޭހަތަކެއް ދަރިވަރުންނަށް ލިބިގެންދާނެކަމަށެވެ.

"މި ފެއަރގެ ތެރެއިން އަޅުގަނޑުމެން މި ކުރާ ކަމަކީ، ޕްލޭސްމަންޓް ބޭނުންވާ ކުދިންނަށް ފެއަރއަށް އައިސް ކޮލެޖްތަކުގެ ރެޕްރެޒެންޓޭޓިވުންނާއި ބައްދަލުކުރަންވީ. އަޅުގަނޑުމެން އެޑްވަޓައިޒްކުރިއިރުވެސް އަޅުގަނޑުމެން އޮންނާނީ ބުނެފައި ސެޓްފިކެޓްތަކާއި އެއްޗެހި ހިފައިގެން އަންނާށޭ. އެއިރުން އެ އެއްޗެހި ބަލާފައި ވަގުތުން އޮންދަ ސްޕޮޓް މި މީހުން ބަލާފައި ޕްލޭސްމެންޓް ލެޓަރ ދޫކުރާނެ. އެއީ އަޅުގަނޑުމެން މި ކޮށްދޭ ކަމަކީ. އަދި މިކަން ކުރުމުގައި އަޅުގަނޑުމެން މިކަން މި ކޮށްދެނީ ކުދިންގެ އަތުން އެއްވެސް ފައިސާއެއް ނުނަގާ މި ޚިދުމަތަށް މުޅިން ހިލޭ ކޮށްދޭގޮތަށް." އާދިލް ވިދާޅުވިއެވެ.

ޢާދިލް ވިދާޅުވީ މި ފެއަރގައި މެޑިކަލްގެ ހުރިހާ ދާއިރާއަކަށް ޕްލޭސްމެންޓް ލިބެން ހުންނާނެކަމަށާއި، އަންނަ އަހަރުގެ ފެއަރގައި އިތުރު ދާއިރާތަކަށް ފުރުޞަތު ހުޅުވާލާނެކަމަށެވެ. އެގޮތުން ކޮމްޕިއުޓަރ ސައިންސާއި އިންޖިނިއަރިންގ ފަދަ ދާއިރާތަކުން ފުރުޞަތު ހުޅުވާލާނެކަމަށް އޭނާ ވިދާޅުވިއެވެ. ދެދުވަހުގެ މި ފެއަރ އޮންނާނީ ކޮންމެ ދުވަހު މެންދުރު ދޭކުން ރޭގަނޑު ދިހައަކަށް ނޭޝަނަލް އާރޓް ގެލަރީގައެވެ.