އޭޝިއަން ޔޫތް ގޭމްސްއަށް ރާއްޖޭގޭ ޓޭބަލް ޓެނިސް ކުޅުންތެރިން ތިބީ ތައްޔާރުވެފައި ކަމަށާއި، މި މުބާރާތުން ރަނގަޅު ތަޖްރިބާއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ރާއްޖޭގެ އެތުލީޓުންނަށް އިރުޝާދުދެމުން އަންނަ އީރާނުގެ ކޯޗު މަހްދީ ހޮޝްމަރަމް ބުނެފިއެވެ.
އީރާނުގެ ތަޖްރިބާކާރު ކޯޗު ބުނީ ރާއްޖޭގެ އެތުލީޓުން ތައްޔާރުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު އީރާނުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ގެނެސްގެން ފަރިތަކޮށްފައިވާކަމަށެވެ.
އޭޝިއަން ޔޫތް ގޭމްސްއަށް ތައްޔާރުވަމުން އަންނަ ކުޅުންތެރިންގެ ކޮންޑިޝަން ރަނގަޅު ކަމަށާއި މުބާރާތްތައް ތައްޔާރު ކަމަށް ކޯޗު ބުންޏެވެ.
ރާއްޖޭން އޭޝިއަން ޔޫތް ގޭމްސްގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން އައިޝަތު އަލްސާ ނާފިޒު ބުނީ މި މުބާރާތުގައި ކުޅޭ މެޗުތަކަކީ ވަރަށް ވާދަވެރި މެޗުތަކަކަށް ވާނެ ކަމަށާއި، ވަރަށް ރަނގަޅު ތަޖުރިބާ މި މުބާރާތުން ލިބިގެންދާނެ ކަމަށެވެ. އަދި އީރާނުގެ ސްޕެއާ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ދަނީ ވަރަށް ސީރިއަސްކޮށްކަމަށެވެ.
އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ މުހައްމަދު ހަލަފް ރާފިއު ބުނީ މިއީ އޭޝިއާގެ އެންމެ ބޮޑެތި ގައުމުތަކުން ބައިވެރިވާ މުބާރާތަކަށްވެފައި މިއީ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އޭނާ ބުނީ ކޮންމެ ދުވަހަކު ފަސް ގަޑިއިރަށް ފަރިތަކުރުންތައް ކުރިޔަށް ގެންދާ ކަމަށާއި، އިރާންގެ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ވަރަށް ރަނގަޅަށްދާ ކަމަށެވެ.
އޭޝިއަން ޔޫތް ގޭމްސްގައި ކުޅޭ މެޗުތަކަކީ އުނދަގޫ މެޗުތަކަށް ވާނެ ކަމަށާއި، އެހެންނަމަވެސް އުންމީދަކީ އެންމެ ރަނގަޅު ކުޅުން ދެއްކުން ކަމަށް ހަލަފް ބުންޏެވެ.
ކޯޗު ބުނީ ރާއްޖޭގެ ކުޅުންތެރިންނަކީ ވަރަށް ހަގު ކުޅުންތެރިންތަކެއް ކަމަށާއި، މައިގަނޑު ފޯކަސް ހުރީ އަންނަ އަހަރު ބާއްވާ ދެކުނު އޭޝިއާގެ މުބާރާތަށް ކަމަށެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި ނޭޕާލް، ބަނގްލަދޭޝް އަދި ސްރީލަންކާ ފަދަ ގައުމުތަކުގައި ތިބި ރާއްޖޭގެ އިދިކޮޅު ކުޅުންތެރިންނަކީ ވަރަށް ފެންވަރު މަތި ވަރުގަދަ ކުޅުންތެރިންކަމަށްވާތީ ރާއްޖޭގެ ކުޅުންތެރިން ތަމްރީނުކުރުމުގައި އެންމެ ބޮޑަށް ފޯކަސްކުރަނީ އެ މުބާރާތަށްކަމަށް ކޯޗު ފާހަގަކުރިއެވެ.
އަދި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ޗައިނާއާއި ނޭޕާލާއި ތައިލޭންޑް ފަދަ ގައުމުތަކުގެ ކޭމްޕްތަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ކުދިން ފޮނުވާނެ ކަމަށާއި، އެ ކޭމްޕްތަކުން ކުދިންނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ކޯޗު ބުންޏެވެ.