މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ން ބޭނުންވަނީ އޭޝިއަން ޔޫތް ގޭމްސްގައި ރާއްޖޭގެ އެތުލީޓުން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ތަމޫހު ވިދާޅުވީ އެމްއޯސީއާއި އެސޯސިއޭޝަންތަކުގެ އުންމީދަކީވެސް މިހާރު އެތުލީޓުން ޕާފޯމް ކުރާ ވަރަށްވުރެ ރަނގަޅު ޕާފޯމެންސެއް ބަހްރެއިންގައި ބާއްވާ އޭޝިއަން ޔޫތް ގޭމްސްގައި ދެއްކުން ކަމަށެވެ.
އޭޝިއަން ޔޫތް ގޭމްސްއަށް އެމްއޯސީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތަމޫހު ވިދާޅުވީ އޭޝިއަން ޔޫތް ގޭމްސްގައި ރާއްޖޭން ބައިވެރިވާ ހުރިހާ ކުޅިވަރަކުންވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އެންމެންގެވެސް އުންމީދަކީ އެތުލީޓުން މިހާރު ޕާފޯމް ކުރާވަރަށްވުރެ ރަނގަޅު ޕާފޯމެންސެއް ދެއްކުން. އެއީ ޓްރެއިންއާއި މެޗުތަކުން ލިބޭ އެކްސްޕީރިއަންސުން އެބައި އެއަންނަނީ. އޮލިމްޕިކް ކޮމިޓީގެ އުންމީދަކީ އެތުލީޓުންގެ ޓާގެޓް އެޗީވް ކުރަން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުން" ތަމޫހް ވިދާޅުވިއެވެ.
މިއަހަރު ރާއްޖެއަށް ޖާގަ ލިބިފައިވަނީ ކޮލިފިކޭޝަން އާއި ކޮންމެވެސް ވަރަކަށް އޯޕަން ކެޓަގަރީގެ ދަށުންނެވެ. މިމަހުގެ 22-31 އަށް ބަހްރެއިންގެ މަނާމާގައި އޮންނަ 3 ވަނަ އޭޝިއަން ޔޫތް ގޭމްސްގައި ރާއްޖެއިން ޖުމްލަ 56 އެތުލީޓުން ބައިވެރިވާނެއެވެ. ރާއްޖޭން ބައިވެރިވަނީ 7 ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، 3×3 ބާސްކެޓްބޯލް، ހޭންޑްބޯލް، ބީޗް ވޮލީ، ބެޑްމިންޓަން، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.
އޭޝިއަން ގޭމްސްއަށް އެތުލީޓުން ފުރުމުގެ ކަންކަން ހަމަޖެހިފައިވާކަމަށާއި އެކި ކުޅިވަރުތަކުން ފުރާނީ އެކި ދުވަސްތަކުގައި ކަމަށް ތަމޫހު ވިދާޅުވިއެވެ. އެގޮތުން ހޭންޑްބޯޅަ ޓީމު ފުރާނީ 16 އޮކްޓޫބަރުގައެވެ. 17 ގައި ބީޗް ވޮލީ ޓީމު ފުރާއިރު އެތުލެޓިކްސް ޓީމާއި ބާސްކެޓްބޯޅަ ޓީމު ފުރާނީ 20 އޮކްޓޫބަރުގައެވެ. ޓޭބަލް ޓެނިސް ޓީމު ފުރާނީ 23 އޮކްޓޫބަރުގައެވެ. ސްވިމިން ޓީމާއި ބެޑްމިންޓަން ޓީމު ފުރާނީ 24 އޮކްޓޫބަރުގައެވެ.
ރާއްޖޭން ވަނީ 2013 ވަނަ އަހަރު ޗައިނާގެ ނަންޖިންގައި ބޭއްވި އޭޝިއަން ޔޫތް ގޭމްސްގައިވެސް ބައިވެރިވެފައެވެ. މިއަހަރު އޭޝިއަން ޔޫތް ގޭމްސްއަށް އެތުލީޓުން ކުރާ އުންމީދަކީ އެ އެތުލީޓުންގެ ޕާސަނަލް ބެސްޓް އައުކުރުމާއި ބައިނަލްއަގްވާމީ މަތީފަންތީގެ އެތުލީޓުންނާއި ވާދަކޮށް އެ ކުޅުންތެރިންގެ ފަރާތުން ގޭމުގެ އުކުޅުތައް ދަސްކުރުމެވެ.
އޭޝިއަން ޔޫތް ގޭމްސްއަށްފަހު ރާއްޖެއިން ތައްޔާރުވާނީ ސައުދީ އަރަބިއްޔާގައި އޮންނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަށެވެ.