ދުނިޔެ

ހެއިޓީއިން ޒިކާ ވައިރަސް ފެނިއްޖެ


ހެއިޓީ މީހެއްގެ ގައިން ޒިކާ ވައިރަސް ފެނިއްޖެކަމަށް އެޤައުމުގެ ޞިއްޙީ ދާއިރާގެ އިސް މަސްއޫލުވެރިޔަކު ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ޑައިރެކްޓަރ ޖެނެރަލް ގެބްރިއެލް ތިމޯތު ވިދާޅުވީ އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް ފޮނުވައިގެން ހެދި ތަޙްލީލްތަކަކަށްފަހު ބަލި ޔަޤީން ކުރެވިފައިވަނީ މިދިޔަ ހޮނިހިރުދުވަހު ކަމަށެވެ. ތަޙްލީލްތަކުން މިހާރު ހާމަވެފައިވާ ގޮތުގައި މާރޗް މަހުން ފެށިގެން ހެއިޓީގައި 14 މީހަކަށް ޒިކާއާ ގުޅުންހުރި ބައްޔެއް ކަމަށްވާ މައިކްރޯސެފަލީ ޖެހިފައިވެއެވެ. ނަމަވެސް ހެއިޓީގެ ޞިއްޙީ އޮފިޝަލުން ވިދާޅުވަނީ މިމީހުންނަށް މައިކްރޯ ސެފަލީ ޖެހުނީ ޒިކާ ވައިރަސްގެ ސަބަބުންކަން ޔަޤީން ނުވާކަމަށެވެ. 

މައިކްރޯސެފަލީއަކީ މާބަނޑުމީހާގެ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅު އުފެދުމުގައި ކުއްޖާގެ ބޯ އައިބުވާ ކަމެއް ގެނުވާ ބައްޔެކެވެ. ހެއިޓީއަކީ ކެރީބިއަންގައި ހިމެނޭ ފަޤީރު ޤައުމަކަށްވާއިރު، މިފަދަ ބައްޔެއް އެޤައުމުގައި ފެތުރިއްޖެނަމަ ކޮންޓްރޯލްކުރަން ދަތިވާނެ ކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.

ހެއިޓީއަށް ދެހާސް ދިހަވަނައަހަރު އައި، ތިންސަތޭކަ ހާސް މީހުން މަރުވި ބާރުގަދަ ބިންހެލުމާއި، އަދި ދިހަ ވަރަކަށް ހާސް މީހުން މަރުވި ކޮލެރާގެ ވަބާއަށްފަހު އެގައުމުގެ އިޤްތިޞާދު އަދިވެސް ހަމަޔަކަށް އެޅޭގޮތް ވެފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.