ޚަބަރު

ގެދޮރުވެރިޔާ ސްކީމް: ފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލާން ފަށައިފި


  • 3 ކޮޓަރީގެ ފްލެޓް ލިބޭ 338 ފަރާތެއްގެ ގުރުއަތު ނަގާފައިވޭ

  • 2 ކޮޓަރީގެ ފްލެޓްލިބޭ 58 ފަރާތެއްގެ ގުރުއަތު ނަގާފައިވޭ

ގެދޮރުވެރިޔާ ސްކީމުން މިހާތަނަށް ފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ފަށައިފިވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ 3 ކޮޓަރީގެ ފްލެޓްތަކަށް ޝަރުތުހަމަވެ، މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ 338 ފަރާތެއްގެ ގުރުއަތު މިއަދު ނަގާފައިވާއިރު، 2 ކޮޓަރީގެ ފްލެޓަށް ޝަރުތުހަމަވާ 58 ފަރާތުގެ ގުރުއަތުވެސް ވަނީ ނަގާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ދަނީ ކުރިއަށް ގެންދަމުންނެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، 73 އިން ފެށިގެން މަތިން މާރކްސް ލިބި 2 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76އަށް ވުރެ މަތިން މާރކްސް ލިބި 3 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައި މިއަދު ގުރުއަތުލުން މިއަދު ވަނީ ފަށާފައެވެ.

އެގޮތުން، ފްލެޓަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، 73 އިން ފެށިގެން މަތިން މާރކްސް ލިބި 2 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ޖުމްލަ 58 ފަރާތެއްގެ ގުރުއަތު މިހާތަނަށް ވަނީ ނަގާފައެވެ. އަދި 76އަށް ވުރެ މަތިން މާރކްސް ލިބި 3 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ 338 ފަރާތެއްގެ ގުރުއަތު ނަގާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ގުރުއަތު ނެގުމުން އެފަރާތްތަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކުރާނެކަމަށެވެ. އަދި، ގުރުއަތު ނެގުން ކުރިއަށްދާ މަންޒަރު ޕީއެސްއެމްއާއި، އެ ވުޒާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ ވަގުތުން ބްރޯޑްކާސްޓް ކޮށްފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައި ދާއިމީ ލިސްޓު ނެރުނީ ކުރީ ސަރުކާރުންނެވެ. ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅައި، ނެރެފައިވާ ލިސްޓާ ގުޅިގެން، ގިނަ ޝަކުވާތަކެއް އޭސީސީއަށް އޭރު ހުށައެޅިއެވެ. އޭސީސީން އޭރު ހާމަކުރިގޮތުގައި ލިސްޓުގައި ހިމެނޭ މީހުންގެތެރެއިން ގާތްގަނޑަކަށް %70 މީހުން ފްލެޓަށް ޝަރުތުހަމަނުވެއެވެ.

މިސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ މައްސަލަތައް ބައްލާފައެވެ. އެގޮތުން، ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށް އެ ކޮމިޓީންވެސް ނިންމިއެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.

ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. މިގޮތުން 3164 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.