ދުނިޔެ

ހެއިޓީގައި ކޮލެރާ ފެތުރުމުގައި އދ ގެ އިހުމާލު އޮބައޮތް !


ހެއިޓީގައި ދެހާސް ދިހަވަނަ އަހަރު ކޮލެރާބަލި އެހާބޮޑަށް ފެތުރިގެން ދިއުމުގައި، އޭރު އެގައުމުގައި ހަރަކާތްތެރި ވަމުންދިޔަ އދ.ގެ ސިފައިންގެ އިހުމާލެއް ވާކަމަށް އދ އިން އިއުތިރާފްވެއްޖެއެވެ. 

ހެއިޓީގައި ކޮލެރާ ފެތުރުމުގެ ސަބަބުން މިހާތަނަށް ދިހަވަރަކަށް ހާސް މީހުން ވަނީ މަރުވެފައެވެ. ސައިންޓިފިކް ތަހްލީލްތަކުން އޭރުވެސް ހާމަވެފައިވާ ގޮތުގައި ކޮލެރާބަލި ފުރަތަމަ ފެނިފައިވަނީ، އެގައުމުގައި އޭރު ތިބި ނޭޕާލަށް ނިސްބަތްވާ އދގެ ސިފައިންގެ ބަޔެއްގެ ފަރާތުންނެވެ. ނަމަވެސް ބަލި އާންމުންގެ ތެރެޔަށް ފެތުރިގެން ދިއުމުގެ ޒިންމާ އދން އަދި މިހާތަނަށް އުފުލާފައެއްނުވެއެވެ. އޭރުވެސް ހާމަވެފައިވާ ގޮތުގައި ބަލި ފެތުރެން ދިމާވެފައިވަނީ، އދގެ ބޭސް އެއްގެ ނަޖިސް ހޮޅިތަކުން ލީކްވަމުގެ ސަބަބުންނެވެ.

އދގެ ތަރުޖަމާން ފަރުހާން ހަގް ވިދާޅުވީ، އެފަހަރު ކޮލެރާ ބަލި ފެތުރިގެން ދިއުމުގައި އދގެ ބަޔެއް މުވައްޒަފުންގެ އިހްމާލެއް ވާކަން ގަބޫލުކުރާ ހާލު، ހެއިޓީއަށް އެހީތެރިވެދިނުމަށް އދން ތެދުވަންޖެހޭ ކަމަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ބެލުންތަކަށްފަހު ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި އދއަށް ލިބިދޭ ގާނޫނީ، އިމްތިޔާޒުގެ ބޭނުން އަދިވެސް ހިފާނެ ކަމަށް ހަގް ވިދާޅުވިއެވެ.

ހެއިޓީގައި ކޮލެރާ ބަލީގައި މަރުވި މީޙުންގެ އާއިލާތަކަށް އދގެ ކިބައިން ބަދަލު ހޯދުމަށް މީގެ ކުރިންވެސް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ނަމަވެސް އދ އިން ވަނީ އޭރު، ބަލި ފެތުރިގެން ދިއުމުގައި އދ ސިފައިންގެ އިހުމާލެއް ނުވާނެކަމަށް ބުނެފައެވެ. އަދި މައްސަލަވަނީ ކޯޓުން ބޭރުކޮށްލާފައެވެ. އދ އިން މިކަމަށް އިއުތިރާފްވެފައި މިދިޔަ ހަފްތާގައި މިވަނީ ނިއުޔޯކް ޓައިމްސްގައި ދާދިފަހުން ނެރުނު ރިޕޯޓަކާ ގުޅިގެން ކަމަށް ޚަބަރުތައް ބުނެއެވެ. 

އިންސާނީ ހައްގުތަކުގެ މައްސަލާގައި އދއަށް ލަފާދެއްވާ މުޝީރެއް ކަމަށްވާ ފިލިފް އޯލްސްޓަން މިރިޕޯޓް މިދިޔަ ހަފްތާގައި ވަނީ ސެކްރެޓަރީ ޖެނެރަލް ބަންކީމޫންއަށް އަރުވާފައެވެ.