އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީ އަށް ކުޅެމުންދާ ސްޕެއިން އާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރ ޖޯޑީ އަލްބާ މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން އިއުލާން ކޮށްފި އެވެ.
އުމުރުން 36 އަހަރުގެ ޖޯޑީ އަލްބާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އާންމުކޮށްފައިވާ ވީޑިއޯ އެއްގައި ބުނެފައިވަނީ އޭނާގެ ހަޔާތުގައި މުހިންމު ގިނަ ހަނދާންތަކެއް އެކުލެވިގެންދާ ކަމެއް ހުއްޓާލަން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ.
"އަހަރެން ވަނީ މިހާރު ކުރިއަށްދާ މޭޖަރ ލީގުގެ ކުޅުން ނިމުމާއިއެކު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައި. އަދި މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ކަމުގައި އަހަރެން ދެކެނީ." ޖޯޑީ އަލްބާ ބުންޏެވެ.
2023 ވަނަ އަހަރު ސްޕެއިން އަށް ކުޅުން ހުއްޓާލާފައިވާ ޖޯޑީ އަލްބާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 93 މެޗު ކުޅެދީފަ އެވެ. އަދި ސްޕެއިން އިން 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގައި ޖޯޑީ އަލްބާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ބާސެލޯނާ އާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޖޯޑީ އަލްބާ ބާސެލޯނާ ދޫކޮށް އޭނާ އާއިއެކު ކުރިން އެ ޓީމަށް ކުޅުނު ލިއޮނެލް މެސީ އާއި ލުއިސް ސުއަރޭޒްގެ އިތުރުން ސާޖިއޯ ބަސްކޭސްގެ އިންޓަރ މަޔާމީ އަށް ބަދަލުވެފައިވަނީ 2023 ވަނަ އަހަރު އެވެ.
އެމެރިކާގެ މޭޖަރ ލީގުގެ ޕްލޭއޮފް އަށް އިންޓަރ މަޔާމީ ކޮލިފައިވެފައިވާއިރު މި ސީޒަން އެ ޓީމަށް ނިމޭނީ އަންނަ ޑިސެމްބަރ މަހުގަ އެވެ.