އަންނަ ދިރާސީ އަހަރު ކިޔެވުން ފެށޭއިރު ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި މުދައްރިސުން ތިބޭ ސްޓާފްރޫމްތައް ހުންނަނީ އޭސީ ހަރުކޮށް ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވަހަކަފުޅުގައި ވަނީ ތައުލީމީ ދާއިރާއަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން މަސައްކަތްތައް ކުރިއަށް ގެންދާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާގެ ޢުމްރާނީ މަސައްކަތްތައް އެއްފަހަރާ ކުރިއަށްގެންދާކަމަށެވެ. އޭގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކާއި މި ސަރުކާރުން ހަވާލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުތަކުގެ އިތުރަށް ސަރުކާރުން ފަށާފައިވާ " ކޫލް ސްކޫލް" މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތްތައް ނިންމާނެކަމަށެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް ހުންނާނީ އޭސީކޮށްފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
" އަޅުގަނޑުމެން އޮންނާނީ ވައުދުވެފައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރާނަމޭ. އަންނަ ދިރާސީ އަހަރަށް ކުދިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކްލާސްރޫމުތަކަށް ކިޔަވަން. އަދި ޓީޗަރުންގެ ސްޓާފްރޫމްތައް ވެސް ހުންނާނީ ދިރާސީ އަހަރަށް ނިކުންނައިރު އޭސީ ކުރެވިފައި."ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކްލާސްތަކާއި ސްޓާފްރޫމްތައް އޭސީ ކުރުމުގެ އިތުރުން މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ހޯލްތައްވެސް އޭސީ ކުރުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ވަރަށް ހާލުގައި ހުރި ތަންތަން ފަހަރަކު ތަނެއް އޭސީކޮށް ނިންމައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކުރީ މިދިޔަ އަހަރު ޖޫން މަހުއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގައެވެ.