އެމެރިކާއިން އީރާނަށް ވެދިން 400 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއަކީ، އީރާނުގައި ހައްޔަރުކޮށްފައިތިބި އެމެރިކާގެ ފަސް މީހަކު ދޫކޮށްލުމަށް ބާރުއެޅުމުގެ ގޮތުން ދިން އެހީއެއްކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ބުނެފިއެވެ. ނަމަވެސް އެ އެހީއަކީ، އެމީހުން ދޫކޮށްލުމަށް ސީދާ ޝަރުތުކޮށް ދިން އެހީއެއް ނޫންކަމަށްވެސް ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ޖޯން ކަރބީ ވިދާޅުވިއެވެ.
އިރާނާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ގުޅިގެން ހަމަޖެހިގެން ދިޔަ އެއްކަމަކީ ހައްޔަރުކޮށްފައިތިބި މީހުން ބަދަލު ކުރުމެވެ. މިގޮތުން އެމެރިކާގައި ހައްޔަރުކޮށްފައި ތިބި އީރާންގެ ހަތް މީހަކު މިނިވަން ކުރުމަށް ޝަރުތުކޮށް އީރާނުގައި ތިބި އެމެރިކާގެ ފަސްމީހަކު މިނިވަން ކުރުމަށް ޖަނަވަރީމަހު އެއްބަސްވެފައިވެއެވެ.
އެހެން ނަމަވެސް މިކަމަށް އަމަލީ ސިފައެއް އައިސްފައިވަނީ އެމެރިކާއިން ވެދިން 400 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ލިބުމުން ކަމަށް މީޑިޔާ ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވެއެވެ.