ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޙިދުމަތް ޤާއިމްކޮށް ނިންމާލައިފިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޙިދުމަތް ޤާއިމްކޮށް ނިމުން ފާހަގަކޮށްފައިވަނީ އދ.އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާއެކުއެވެ.
އަތޮޅުގެ ވެރިކަންކުރާ ރަށްކަމުގައިވާ އދ.މަހިބަދޫގައި ޕާސްޕޯޓު ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލަމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ. މި ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދިވެހި ތާރީޚަށް ބަލާއިރު، އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށިތާ އެތައް އަހަރެއްވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މައުލޫމާތު އެއްކޮށް އައިޑީ ކާޑު ދޫކުރަން ފެށިތާ، މިހާތާ 41 އަހަރު ވަނީ ވެފައެވެ. ބޭރަށް ދަތުރުކުރާ ލިއުމެއް އެންމެ ފުރަތަމަ ދޫކުރި ކަމަށްވަނީ 1950 ގެ އަހަރުތަކުގައެވެ. އެއީ އިނގިރޭސިންގެ ނަމުގައި ދޫކޮށްފައިވާ ލިއުމެކެވެ. ދިވެހި ދައުލަތުގެ ނަމުގައި ފުރަތަމަ ފަހަރަށް ޕާސްޕޯޓެއް ހައްދައި ދޫކުރީ 20 އެޕްރީލް 1964 ވަނަ އަހަރުއެވެ.
މި ދެ ޚިދުމަތަށް ޒަމާނީ ބަދަލުތަކެއް، އައިސް މިހާރު ޚިދުމަތްދޭ އަވަސް މިނަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. ޒަމާނީ އަދި ބައިނަލްއަޤްވާމީ ގޮތުންވެސް ބަލައިގަނެފައިވާ ފެންވަރުގައި މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ޖަޒީރާ ރަށްތަކެއްގެ ދިރިއުޅެމުން އަންނަ ދިވެހީންނަށް މި ޚިދުމަތް ހޯދުމަށް ގިނަ ދަތިތަކެއް ހުއްޓެވެ. ނަމަވެސް މި ދެ ޚިދުމަތަށްވެސް އޮންލައިންކޮށް އެދުމުގެ ފުރުސަތު ކޯވިޑުގެ ތެރެއިން އައި ފުރަބަނދުގެ ހާލަތާއި އެކު ހުޅުވާލެވިގެންދިޔައެވެ.
ޕާސްޕޯޓުގެ ދޫކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އޮންލައިކޮށް ދޭން ފެށީ، 2020 ވަނަ އަހަރު އެވެ. އައިޑީ ކާޑު ހެދުމުގެ ޚިދުމަތް އޮންލައިން ވެގެން ދިޔައީ 2021 ވަނަ އަހަރުއެވެ. ނަމަވެސް މި ބަދަލާއެކު ވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކުގެ ރައްޔިތުންނަށް މި ޚިދުމަތް ހޯދުން ވެފައި އޮތީ އުފުލަން ޖެހުނު ބުރައަކަށެވެ. އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް ދާން ޖެހުނީ މާލެއަށް ނުވަތަ އެންމެ ކައިރީން އެ ޚިދުމަތް ލިބޭ ރަށަކަށެވެ. ގިނަ ފަހަރު ދާން ޖެހެނީ މާލެއަށެވެ. އޮންލައިންވިނަމަވެސް ކައުންސިލްތަކާއި ޑީއެންއާރް އޮތް ގުޅުން ކޯވިޑާއެކު ކެނޑުމުން މާލެއިން ކާޑުތައް ހޯދަން މަޖުބޫރުވެ، އެކަންވެގެން ދިޔައީ ބޮޑު ބުރައަކަށެވެ. ޕާސްޕޯޓު ޚިދުމަތް ދެމުން ދިޔައީ ވަރަށް މަދު ސަރަހައްދަކުންނެނެވެ.
ކޮވިޑު-19ގެ ޢާލަމީ ވަބާއިން އަރައިގަނެ، މިދިޔަ ސަރުކާރުގެ ވެރިކަން ނިމިގެންދިޔައިރުވެސް، އައިޑީ ކާޑުގެ ޚިދުމަތް ކުރިން އޮތް ގޮތަށް އިޢާދަވެގެން ގޮސްފައިނުވެއެވެ. ޕާސްޕޯޓު ޚިދުމަތް ރައްޔިތުންނާއި ގާތަށް ގެންދިއުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވެއެވެ.
އަދުގެ ސަރުކާރު ހަވާލުވިއިރު 3000 އަށް ވުރެ ގިނަ މީހުންގެ އައިޑީ ކާޑު ނުހެއްދި އޮތްއިރު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ސަރުކާރުން ކުރެއްވި އެއް ކަމަކީ އައިޑީ ކާޑު ހައްދާއިދީފައިނުވާ މީހުންނަށް އެކަން ކޮށްދިނުމެވެ. އަދި އޮންލައިންކޮށް އެދުމުގެ ނިޒާމު އުވާލާ، ސީދާ ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތަށް "ނާރެސް"ގެ ނަމުގައި ޚާއްސަ ޕޯޓަލްއެއް ސަރުކާރުން ތަޢާރަފުކުރިއެވެ.
އޮންލައިންކޮށް ދެމުން އައި ޕާސްޕޯޓް ޚިދުމަތާއި އަދި އައިޑީ ކާޑު ޚިދުމަތް ހޯދުމުގައި އިތުރަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދީ، ވީހާވެސް ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހާއްސަ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވިއެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ވަޢުދުވީ ގޮތަށް، ކޮންމެ އަތޮޅެއްގައި، އެ އަތޮޅެއްގެ ރައްޔިތުންނަށް، އަތޮޅުގައި ތިބެގެން، ވެރިކަންކުރާ ރަށުގައި، ނޫނީވިއްޔާ ކަނޑައެޅޭ އެހެން ރަށެއްގައި، އައި.ޑީ. ކާޑު އިޝޫކޮށް، ޕާސްޕޯޓް އިޝޫކުރެވޭ ގޮތަށް ފެސިލިޓީޒް ޤާއިމުކުރުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި. ވަރަށް އަވަހަށް ރަސްމީކޮށް ފަށާނަން. އަޅުގަނޑު ވަޢުދުވީގޮތަށް، މި އަންނަ އަހަރު ނިމެންވާއިރަށް، ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި، ޕާސްޕޯޓް ލިބިގެންދާނެ. ހުރިހާ އަތޮޅަކުން. އަދި މާލޭގައި، މާލޭސިޓީގައި، ވިލިމާލެއާއި ހުޅުމާލެ، ހުޅުމާލެ ފޭސް 1، ފޭސް 2ގައިވެސް، މާލެ ނައިސް ލިބޭ ގޮތް ހަދައިދޭނަން ވަރަށް އަވަހަށް." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވަޢުދާ އެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. ސަރުކާރުން މިމަސައްކަތަށް ދެއްވި އިސްކަން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ނިޔަލަށް މި ޚިދުމަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަނޑައެޅުއްވި ލަނޑުދަނޑިއަށް ވުރެ 3 މަހެއްހާ ދުވަސް އަވަހަށް މި މަޝްރޫޢުގެ މަސައްކަތް ނިންމެވުމެވެ.
މި މަސައްކަތުގެ ތެރެއިން ހުރިހާ އަތޮޅެއްގައިވެސް އައިޑީ ކާޑު ޕްރިންޓްކުރުމާއި ކާޑު ދޫކުރުމުގެ ވަޞީލަތްތައް ޤާއިމުކޮށް މޯލްޑިވްސް އިމިގްރޭޝަން މެދުވެރިކޮށް ޕާސްޕޯޓު ދޫކުރެވޭނެ ގޮތް މިހާރު ހަދާފައެވެ. އެގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެލިދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފެލިދޫއަށް ވަޑައިގެން އެ ރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވިއެވެ.
އެމަނިކުފާނު މިހާރު އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން އެ ރަށުގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވަނީ ފަށްޓަވައި ދެއްވާފައެވެ. ބައެއް އަތޮޅުތަކުގައި އެއް ރަށަށް ވުރެ ގިނަ ރަށްތަކުން މި ޚިދުމަތް ލިބިގެންދާނެއެވެ. މަހިބަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މިމަޝްރޫޢު ކަމިޔާބުކަމާއިއެކު ނިންމުން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދަނީ ފިލާއެއް އަރުވާފައެވެ. ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.
މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ފެށުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑުގެ އަދި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދު މިވަނީ ފުއްދަވާފައެވެ.
މުޅި ރާއްޖޭގައި މި ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެ ގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.