ޚަބަރު

މަގުތަކުގައި މުޒާހަރާކުރުމުގެ ފުރުޞަތެއް ނުލިބޭނެ- ޕޮލިސް


މާލޭގެ މަގުމަތީގައި މަގުތައް ބަންދުކޮށް ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ރައްޔިތުންގެ ޙައްޤުތައް ހަނިވާގޮތަށް މަގުމަތީ ޙަރަކާތްތައް ހިންގަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭން މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމަވައިފިއެވެ. 

ފުލުހުން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ، މާލޭގެ ބައެއް މަގުތައް ބަންދުކޮށްގެން ހިނގާލުން ބޭއްވުމާއި، އެއްވުންތައް ބޭއްވުމާއި، ބައެއް ސަރަޙައްދުތަކުގައި މަގު ބަންދުކޮށްގެން ޝުޢޫރު ފާޅުކުރުމާއި އެހެނިހެންވެސް ބައެއް ޙަރަކާތްތައް ހިންގުމަށް ބޭނުންވެގެން އެކި ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައަޅަމުން ގެންދަވާކަމަށާއި އެހެން ނަމަވެސް މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން ހިނގާ ބިނގާވާ މީހުންނާއި ޒަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނާއި މަގުމަތީގައި ކުރެވޭ ދަތުރުތައް ހުއްޓި އެތައް ބައެއްގެ ޙައްޤު އޭގެ ސަބަބުން ގެއްލިގެންދާތީ އެފަދަ ޙަރަކާތްތައް މަގުމަތީގައި ހިންގަން އެއްވެސް ފަރާތަކަށް ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމަވާފައިވާކަމަށެވެ. 

މޯލްޑިވްސް ޕޮލިސް ސާވިސްގެ ނިންމެވުމާއި ޚިލާފަށް މާލޭގެ މަގުތައް ބަންދުކޮށްގެން ޙަރަކާތެއް ކުރިޔަށް ގެންދާނަމަ އެ ޙަރަކާތެއް ހުއްޓުވުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށް ފުލުހުންގެ ނޫސް ބަޔާނުގައިވެއެވެ. މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވެ މުޒާހަރާ ކުރާނަމަ ފުލުހުންގެ ހުއްދަ ނަންގަވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މި ހަފްތާގައި ވަނީ އިސްލާޙެއް ފާސް ކުރައްވާފައެވެ.