ކަސްޓަމަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫގެ ސްޓާފުންނާއި މެނޭޖެމެންޓުން އެކުންފުނީގެ ކަސްޓަމަރުންގެ ޚިޔާލުހޯދުމުގެ ޙަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
އުރީދޫން ބުނީ ކަސްޓަމަރުންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އެކުންފުނިން ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތަކީ ކަސްޓަމަރުން ހިތްހަމަޖޭ ޚިދުމަތެއްކަން ދެނެގަތުންކަމަށެވެ. ކަސްޓަމަރުންގެ ދުވަހު އެންމެ ބޮޑު ތަފާތަކީ އާންމުކޮށް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިތުރަށް ކުންފުނީގެ ހިންގުމުގައި ހަރަކާތްތެރިވާ އެންމެ އިސްވެރިންވެސް ހިމެނޭހެން ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުން ކަސްޓަމަރުންގެ ޚިޔާލު ހޯދަން މަސައްކަތްކުރުންކަން އުރީދޫން ފާހަގަކުރެއެވެ.
އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ޚިޔާލުތައް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ދެނަގަނެ، ޚިދުމަތް ރަނގަޅުކުރަން ބޭނުންވާ މައުލޫމާތުތައް މި ބައްދަލުވުންތަކުގެ ތެރެއިން އެއްކޮށްފައިވެއެވެ.
މިހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ސީސީއޯ ހުސެއިން ނިޔާޒް ވިދާޅުވީ މިދުވަސް އުރީދޫ މޯލްޑިވްސްއިން ފާހަގަކުރާތާ މިއީ 3ވަނަ އަހަރު ކަމަށެވެ. އަދި މި ލިބުނު ޚިޔާލުތަކުގެ ބޭނުން ކުރިއަށް އޮތްތަނުގައި ހިފާނެ ކަމަށް ވިދާޅުއެވެ.
"މިއަދު އަޅުގަނޑު ހަވާލުވެ ހުރީ ޑިޖިޓަލް ކެއަރގައި. މި ދެގަޑިއިރު ތެރޭ ވަރަށް ބައިވެރި ކުއެރީސް އައި. ވަރަށް ރަނގަޅު ހިޔާލުތަކާއި ކޮމެންޓްތައް ލިބުނު. މިހެން ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ސީނިއާ ލީޑާރޝިޕްގެ ބޭފުޅުން، އަޅުގަނޑުމެންގެ އެކްޕީރިއަށް ސެންޓަރތަކާއި ތަންތަނަށް ޒިޔާރަތްކޮށް ޚިޔާލު ނަގަނީ. މިއަށް ބޭސްކޮށް ކަންތައްތަކެއް ކުރިއަށް އޮތްތާ ރަނގަޅު ކުރެވިގެންދާނެ" ނިޔާޒު ވިދާޅުވިއެވެ.
އުރީދޫއިން ބުނިގޮތުގައި އެކުންފުނީގެ ހުރިހާ ހަރަކާތެއްގެވެސް މައި ތަނބަކީ އެކުންފުނީގެ ކަސްޓަމަރުންނެވެ. އެހެން ކަމުން އެކުންފުނިން ޚިދުމަތްދޭ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންނަށް އިތުރަށް ގެނެސްދޭންޖެހޭ ކަންކަން ދެނެގަތުމަށް މިފަދަ ދުވަހެއް އެހީވެދޭ ކަމަށް އެކުންފުނިން ބުންޏެވެ.
މި އަހަރުގެ އުރީދޫގެ ކަސްޓަމަރ ޑޭގެ ޝިއާރަކީ "ޑިޖިޓަލީ ޔުއަރސް: އެލިވޭޓިންގ ކަސްޓަމަރ އެކްސްޕީރިއަންސް" އެވެ.
މި ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ކަމަށް އުރީދޫން ފާހަގަކުރިއެވެ.