ޚަބަރު

މީޑިއާ ކޮމިޝަން: ބްރޯޑްކާސްޓަރުންނާއި މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެ


  • އިންތިޚާބު ބާއްވަން ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 11 ވަނަ ދުވަހު

  • ކޮމިޝަން އެކުލެވިގެންވަނީ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.

މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން ހޮވުމަށްޓަކައި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިހާބު ކުރަން ޖެހޭ އަދަދަށް ކެނޑިޑޭޓުން ކުރިމަތިލާފައިވުމުން ބްރޯޑްކާސްޓަރުންނާއި މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ވަނީ ހޮވިފައެވެ.

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަޤާމަށް ކުރިމަތިލި ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން 1 ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ޝަރުޠުހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް، 2 ކެންޑިޑޭޓުންނެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު، އެ މަޤާމަށް ވެސް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ޝަރުޠުހަމަވާ 2 ކެންޑިޑޭޓުންނެވެ. އަދި މި ފަރާތްތައް އިންތިޚާބުވެފައިވާކަން މިހާރު ވަނީ އިޢުލާންކޮށްފައެވެ.

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބު ވެފައިވާ މީހުން

- ޢަބްދުލްޢަޒީޒް އިބްރާހީމް/ މޫނިމާގެ / ށ. ފޭދޫ
- ޒަމްޢަތު އަޙްމަދު ވަޙީދު/ މަލަ / ގދ. ތިނަދޫ

އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ

- ސިމާޙާ ނަސީމް/ ވެލީގެ / ގދ. ރަތަފަންދޫ
- ޙުސައިން ޘަޤީފް/ ހިސާން / ހދ. ވައިކަރަދޫ

މމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހުޅުވާލި ފުރުޞަތު ރޭގެ 12:00އަށް ހަމަވިރު 190 ފަރާތަކުން ވަނީ ރަޖިސްޓަރީވުމަށް ހުށަހަޅައިފައެވެ.

ނިމިދިޔަ މީޑިއާ ކައުންސިލް އިންތިޚާބާ އަޅާބަލާއިރު މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެއީ، 2025 ޖޫން 21 ގައި މީޑިއާ ކައުންސިލްއަށް 3 މެންބަރުން އިންތިޚާބުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ފަރާތުން ބޭއްވި ބައި-އިލެކްޝަނުގައި މީޑިއާތަކުގައި މަސައްކަތްކުރައްވާ 313 ފަރާތްތަކުގެ ތެރެއިން ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވަނީ 78 ފަރާތެވެ.