ކުރިއަށް މިއޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު އދ. މާމިގިލީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ދިހަ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މާމިގިލީ ރައްޔިތުންނާއި މުޚާޠަބުކުރައްވަމުން ރައީސް ވިދާޅުވީ މާމިގިލީގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހުންނަންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އެގޮތުން މާމިގިލީގައި ޤާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށިގެންދާނެކަމުގެ އުފާވެރި ޚަބަރު އެމަނިފާނު ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެތަނަކީ އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށްވާނެކަމަށާއި އެތަނަކީ 1200 މީހުންނަށް އެއްފަހަރާ ކުޅިބަލަން ވަދެވޭ ވަރުގެ ޖާގަ ތަނަވަސް މަރުކަޒަކަށްވާނެކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
"މިފަދަ އާބާދީއެއްގައި ހުންނަންޖެހޭނެ މަރުކަޒެއްގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަން ސްޕޯޓްސް ކޮމްޕްލެކްސްއެއް، އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭ، ސްޕެކްޓޭޓަރުން 1200 މީހުންނަށް ބަލަންތިބެވޭ، މާލޭގެ ގޮތުން ދަންނަވަންޏާ އެހެރަ ސޯޝަލް ސެންޓަރު ކަހަލަ ކޮންސެޕްޓެއް އެއީ. ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން އަންނަ އަހަރު ކުރީކޮޅު ފެށޭ އައު މަޝްރޫޢެއްގެ ގޮތުގައި ހިމަނާ އިރާދަކުރެއްވިއްޔާ މިދެންނެވިގޮތަށް މިރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހަލުވިދުވެލީގައި ދަނީ ކުރިއަށެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކޮށްދެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށްދާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ އެހެނިހެން ވަސީލަތްތައްކަމަށްވާ ދަނޑުތަކާއި ކޯޓުތައް ބިނާކުރުންފަދަ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުންފުނިތަކާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވަމުންނެވެ.