އދ. ހަންޏާމީދޫ ވޮލީ ކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު މިހާރު އަރިއަތޮޅު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީގެ އިތުރުން މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ޠާރިޤުއެވެ.
އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެއިތުރުން ސަރުކާރުގެ އިސްވެރިންނާއި ހަންޏާމީދޫ ކައުންސިލުގެ މެމްބަރުންވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިމަޝްރޫޢަކީ ޖުމްލަ 431،343.92 (ހަތަރު ލައްކަ އެއްތިރީސްހާސް ތިންސަތޭކަ ސާޅީސް ތިން ރުފިޔާ ނުވަދިހަ ދެ ލާރި) ޚަދަރުކުރައްވައިގެން 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީ އާއި ހަވާލުކުރައްވާފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ދަގަނޑުގެ މަސައްކަތާއި، ކަރަންޓު މަސައްކަތާއި، ޓާރފް އެޅުމާއި، އިކުއިޕްމަންޓު ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
ހަންޏާމީދޫ ވޮލީ ކޯޓުގެ މަސައްކަތަކީ ރަށުގެ ކުދިބޮޑު އެންމެންގެ އުންމީދުތަކާއި ގުޅިފައިވާ ކަމަކަށްވާއިރު، މިމަޝްރޫޢާއި އެކު ރަށަށް ކުޅިވަރުން އައު ތަރައްޤީއެއް ލިބި، ހަންޏާމީދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަށް ބާރަކަށްވެގެންދާނެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ތަރައްޤީ ގެނެސްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް އެކި ރަށްތަކުގައި ހިންގަވަމުންނެވެ. މިގޮތުން އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ކުރިއަށްދާއިރު، ކުޅިވަރުގެ ވަސީލަތްތައްވެސް ދަނީ ގާއިމުކޮށްދެއްވަމުންނެވެ. އޭގެ ތެރޭގައި ދަނޑުތަކާއި ކޯޓުތަކާއި، ސްވިމިން ޓްރެކް އަދި ދުވާ ޓްރެކްތަކުގެ މަޝްރޫޢުތައް ހިމެނެއެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވާ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އަދި އެމްޓީސީސީގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.