އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފޮފަޅަގައު" ފަޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފޮފަޅަގައު" ހަމަޖެއްސެވީ ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން އެފަޅު ބޭނުންކުރެވިދާނެ ކަމަށް ކުނބުރުދޫ ރައްޔިތުން ހުށަހެޅުމާއި ގުޅިގެންނެވެ.
މިއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅިފަވާގޮތަށް އިޞްލާޙު ގެންނަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.
އާބާދީ އިތުރުވުމުގެ ސަބަބުން ރަށްރަށަށް ބިމުގެ ޖާގައިގެ ދަތިކަން އަންނަނީ ކުރިމަތިވަމުންނެވެ. އޭގެ ސަބަބުން ބޯހިޔާވަހިކަމަށް ބިން ލިބުމުގެ ދަތިކަމާއި ރަށްރަށުގައި ވަސީލަތްތައް ޤާއިމުކުރުމާއި އިޤްތިޞާދީ ފުރުޞަތުތައް އިތުކުރުމަށްވެސް ގޮންޖެހުންތައް ކުރިމަތިވެއެވެ. އެހެންކަމުން މިގޮތަށް ބިމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށްރަށަށް، ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުން އަންނަނީ ހަމަޖައްސަވައިދެއްވަމުންނެވެ.