އދ. ފެންފުށީގައި 300 މީހުންގެ ޖާގައިގެ އައު މިސްކިތެއް ބިނާ ކުރުމަށް ކޭ އެންޑް އެފް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދަޢުލަތުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު އަކްރަމްއެވެ.
ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ހިމެނޭ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މީގެ އިތުރުން މި މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއް ހިމެނޭނެއެވެ. މީގެ އިތުރުން މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ހަރުކުރެވި އޭސީ ކުރެވޭނެއެވެ. މީގެ އިތުރުން މި މިސްކިތާއެކު އާ ހިނަވާގެއެއް އިމާރާތް ކުރެވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އިޢުލާން ކުރައްވާފައެވެ.
މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.