އދ. ފެންފުށީގައި އައުޓްޑޯ ވޮލީބޯޅަ ކޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި ވޮލީ ކޯޓުގެ ބިންގާ އަޅާފައިވާއިރު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި އދ. މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސައުދީ އާއި ފެންފުށީ ކައުންސިލް މެންބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ ފެންފުށި ވޮލީ ކޯޓު މަޝްރޫއުގެ ދަށުން ކޮންކްރިޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓު މަސައްކަތާއި ޓާފް އެޅުމާއި، އިކުއިޕްމެންޓް ހަރުކުރުން ހިމެނެއެވެ. މިއީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މިއީ ފެންފުށީގެ ޒުވާނުންގެ އުންމިދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއްކަމަށާއި، މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތައް ލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ދެކެއެވެ.