އދ. ދިއްދޫ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އަރިއަތޮޅު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ.
އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިއީ އެމްޓީސީސީއާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ތަރައްޤީ ގެނެސްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް އެކި ރަށްތަކުގައި ހިންގަވަމުންނެވެ. މިގޮތުން އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ކުރިއަށްދާއިރު، ކުޅިވަރުގެ ވަސީލަތްތައްވެސް ދަނީ ގާއިމުކޮށްދެއްވަމުންނެވެ. އޭގެ ތެރޭގައި ދަނޑުތަކާއި ކޯޓުތަކާއި، ސްވިމިން ޓްރެކް އަދި ދުވާ ޓްރެކްތަކުގެ މަޝްރޫޢުތައް ހިމެނެއެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވާ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އަދި އެމްޓީސީސީގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.