ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައް އިޖުތިމާއި އަދި އާއިލީ ތަރައްޤީޢާއި ބެހޭ ވުޒާރާއިން ފަށައިފިއެވެ. މި ޤާނޫނު ވުޖޫދުވީ 2014ވަނަ އަހަރުއެވެ.
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަކީ ވަޒީފާ އަދާކުރާ ތަންތަނާއި ތައުލީމު ދޭ ތަންތަނާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، މިނޫންވެސް އިޖްތިމާއީ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް ވުޖޫދުވެެގެން އައި ޤާނޫނެކެވެ.
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިޖުތިމާއި އަދި އާއިލީ ތަރައްޤީޢާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވީ މި ޤާނޫނަށް ބަދަލުތައް ގެންނައިރު އެންމެބޮޑު އިސްކަމެއްދޭނީ ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް ޤާނޫނޫ ހަރުދަނާކުރުމަށް ކަމަށެވެ. އެމަސައްކަތުގައި އަލިފް ލޯ ޗެންބަރސްއިން މުހިންމު ދައުރެއް އަދާކުރާނެކަމަށް ޒުހުރުބާން ވިދާޅުވިއެވެ.
ޒުހުރުބާން ވިދާޅުވީ މި ޤާނޫނޫގެ އެންމެ ބޮޑު ބޭނުމަކީ ޤާނޫނުގެ ދަށުން ތައުލީމު ދޭ މަރުކަޒުތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މުވައްޒަފުންނަށް އެ މަސައްކަތް ކުރާ މާހައުލަކީ އަމާން ރައްކާތެރި ތަނަކަށް ހެދުންކަމަށެވެ.
"މީގެ އެންމެ ބޮޑު ބޭނުމަކީ މި ޤާނޫނުގެ ދަށުން ތައުލީމުދޭ މަރުކަޒުތަކާއި މަސައްކަތްކުރާ އިދާރާތަކާއި އިޖްތިމާއި ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެތަންތަނަކީ އަމާން ރައްކާތެރި ތަނަކަށް ވެގެންދިޔުން. އުންމީދުކުރަނީ އެންމެ ގުޅިގެން ފެށި މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވި މުވައްޒަފުން މަސައްކަތްކުރާ މާހައުލަކީ ރައްކާތެރި ތަކަކަށް ވެގެންދިޔުން" ޒުހުރުބާން ވިދާޅުވިއެވެ.
މި ޤާނޫނުގައި ވަޒީފާދޭ ފަރާތުން ނުވަތަ ވަޒީފާ އަދާކުރާ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ނަމަވެސް، އެފަރާތެއްގެ ދަށުން ނުވަތަ އެފަރާތާ އެކުގައި މަސައްކަތްކުރާ އެހެން ފަރާތަކާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
ފިޔަވަޅެއްގެ ގޮތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކުގެ މައްސަލަތައް ބެލުމަށްފަހު އެ އަމަލުތަކުގެ ކުޑަބޮޑު މިނަށް ބަލައި އެ މައްސަލައެއް ރައްދުވާ ފަރާތުން ކޮށްފައިވާ އަމަލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމެއް ކަމަށް ނިންމައި، އެފަދަ އަމަލުތައް ކުރުން ވަގުތުން ހުއްޓާލުމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ލިޔުމުން އެންގަން ޖެހޭނެއެވެ. އަދި މައްސަލަ ރައްދުވާ ފަރާތުން ހިންގާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ސަބަބުން ޝަކުވާ ހުށަހެޅި ފަރާތުގެ އެއްވެސް ހައްގެއް ނިގުޅައިގަނެވިފައިވާނަމަ އެ ހައްގެއް އަނބުރާ ހޯދައިދިނުމަށް އަމުރުކޮށް ލިޔުމުން އެކަން އެންގުން ހިމެނެއެވެ.
މީގެ އިތުރުން މައްސަލަ ރައްދުވާ ފަރާތުން ހިންގާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުން މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެެވެ.