ޚަބަރު

ޣައްޒާގެ ޙައްޤުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނެއްކާ ވެސް ބިޔަ މުޒާހަރާތަކެއް


ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު ވިލާތުގެ ޤައުމުތަކުގައި މުޒާހަރާކުރަމުން އެބަދެއެވެ. ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލުމަށް އަނެއްކާ ވެސް އެތަކެއް ސަތޭކަ ހާސް ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައި މި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމަށް ދެ އަހަރު ފުރުމާ ގާތްވެފައި ވަނިކޮށެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 67,000އަށް އުފުލިފައެވެ.

ވިލާތުގެ ޤައުމުތަކުގައި ޔަހޫދީންނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވަނީ ނެދަރލެންޑްސްގައެވެ. މި ގޮތުން، އެމްސްޓަރޑޭމްގައި ބޭއްވި މުޒާހަރާގައި 250,000އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި މުޒާހަރާތަކުގެ މައިގަނޑު މަޤުޞަދަކީ، ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ވިލާތުގެ ޤައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ޤައުމުތަކުގެ ސަރުކާރުތަކަށް ބާރު އެޅުމެވެ. އޭގެ ތެރޭގައި، ޔަހޫދީންނަށް ހަތިޔާރު ވިއްކުން ހުއްޓައިލުން ހިމެނެއެވެ.

ވިލާތުގެ ޤައުމުތަކުގައި ކުރަމުންދާ މުޒާހަރާތައް އިންތިޒާމު ކުރާ ފަރާތްތަކުގެ ތެރޭގައި، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާ، އެމްނެސްޓީ އިންޓަރނޭޝަނަލް ހިމެނެއެވެ. އެ ޖަމުޢިއްޔާއިން ބުނީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން، ޒަޔަނިސްޓު ދައުލަތާ ދެކޮޅަށް އިޤުތިޞާދީ އަދި ޚާރިޖީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމުގައެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމަށް ތުރުކީވިލާތުގެ އިސްތަންބޫލުގައި ވެސް ބިޔަ ހިނގައިލުމެއް ބާއްވާފައިވެއެވެ. އެންމެ ގިނަ އަދަދެއްގެ ބައިވެރިވެފައި ވަނީ އާޔާސޯފިޔާ މިސްކިތް ކައިރީގައި ބޭއްވި އެއްވުމުގައެވެ. މީގެ އިތުރުން، ވެރިރަށް އަންކަރާގެ މަގުތަކުގައި ވެސް އެތަކެއް ހާސް ބަޔަކު ވަނީ ޔަހޫދީންނާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. އަދި، ޔަހޫދީންނާ ދެކޮޅަށް ތެދުވުމުގައި ހުރިހާ މުސްލިމް ޤައުމުތަކުން އެއް ގަލަކަށް އެރުމަށް ގޮވައިލާފައެވެ.

ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އެންމެ ހަރުއަޑުން ވަކާލާތު ކުރަމުންދާ އެއް ޤައުމަކީ ތުރުކީވިލާތެވެ. ޣައްޒާ ޤަތުލުޢާންމާ ގުޅިގެން ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ސަރުކާރުން ވަނީ ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ޣައްޒާގެ ހިސާރު ފޫއަޅުވައިލުމުގެ މަޤުޞަދުގައި ދާދިފަހުން ހިންގި ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ ހަރަކާތުގައި ވެސް ތުރުކީވިލާތުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުުން، ޔަހޫދީންނާ ދެކޮޅަށް ބިޔަ މުޒާހަރާތަކެއް ބާއްވާފައިވާ ޤައުމުތަކުގެ ތެރޭގައި މަޣްރިބް، ސްޕެއިން، އަދި އިޓަލީވިލާތް ފާހަގަކޮށްލެވެއެވެ. ހުސްވި ހަފުތާ ބަންދުގައި، އިޓަލީވިލާތުގެ މަސައްކަތްތެރިންގެ ޔޫނިއަންތަކުން ވަނީ ބިޔަ ހަޅުތާލުތަކެއް އިންތިޒާމުކޮށް، އެ ޤައުމު ހުއްޓުމަކަށް ގެނެސްފައެވެ. އެ ހަޅުތާލުތަކުގެ މަޤުޞަދަކީ ވެސް ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލުމެވެ. އަދި، ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް އިޓަލީވިލާތުގެ ސަރުކާރަށް ބާރު އެޅުމެވެ.