ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 4-1 ގެ ނަތީޖާ އަކުން ބާސެލޯނާ ބަލިވެއްޖެ އެވެ.
ސެވިއްޔާގެ ދަނޑުގައި ސާޅީސް އެއް ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ބާސެލޯނާ ބަލިވުމާއިއެކު ތާވަލުގެ އެއްވަނައަށް އަރަން އެ ޓީމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް 8 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާއަށް 8 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.
ސެވިއްޔާ އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 13 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކުރިން ބާސެލޯނާއަށް ކުޅުނު އެލެކްސިސް ސަންޗޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ 37 ވަނަ މިނިޓުގައި ސެވިއްޔާގެ އިސާކް ރޮމޭރޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި ބާސެލޯނާގެ މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ބާސެލޯނާއަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އޭރިޔާ ތެރެއިން ބާސެލޯނާގެ ކުޅުންތެރިއަކަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ ރޮބަޓް ލެވަންޑޯސްކީ ފޮނުވާލިއިރު އެ ބޯޅަ ވަނީ ދަނޑި ކައިރިން ބޭރުވެފަ އެވެ.
ސެވިއްޔާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯސޭ އެންހެލް ކަމޯނާ އެވެ. އަދި އިތުރު ވަގުތުގެ ހަވަނަ މިނިޓޫގައި އެކޯ އެޑަމްސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.
މިއީ 1951 ވަނަ އަހަރު 4-0 ގެ ނަތީޖާއަކުން ސެވިއްޔާ އަތުން ބާސެލޯނާ ބަލިވި ފަހުން އެ ކްލަބުން ބާސެލޯނާގެ މައްޗަށް ހޯދި އެންމެ ރަގަޅު ނަތީޖާ އެވެ.