އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާއަޅައިފިއެވެ.
އދ. ދަނގެތީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދަނގެތީގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މިމަސައްކަތް ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރުސީސީއާ ހަވާލުކޮށްގެންނެވެ.
ދަނގެތީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.
އަތޮޅުތެރޭގެ 55 ކައުންސިލް އިދާރާއެއްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ހަވާލުކޮށްފައެވެ. ޖުމްލަ 631 މިލިޔަން ރުފިޔާގެ މިމަޝްރޫޢު ނިމޭއިރު، ކައުންސިލް އިދާރާތަކުގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން 50 ކައުންސިލުގެ އިމާރާތް އެޅުމަށް ޗައިނާ ސަރުކާރުގެ އެހީގައި މަޝްރޫޢެއް ކުރިއަށް ގެންދަން ނިންމާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢު ދާދި އަވަހަށް ފެށޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢަށް ފަންޑްކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ، ސިޑްކާގެ ފަރާތުންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން އައު ކައުންސިލް އިދާރާތައް އެޅުމަށް ހަމަޖެހިފައިވާ ރަށްރަށް މިހާރު ވަނީ ކަނޑައަޅާފައެވެ.