ކުޅިވަރު

"އެތުލީޓުންނާއެކު މަރުޒޫޤް ފެށި ޗެލެންޖް އިތުރު ހަރުފަތަކަށް"


ރާއްޖޭގެ އެތުލީޓުންނާއެކު އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓްރީ އަހުމަދު މަރުޒޫޤް ފެށި "ޓްރެއިނިންގ ވިތް ޗެމްޕިއަންސް"ގައި ބައިވެރިވުމުގެ ދަޢުވަތު ސަރުކާރުގެ އެންމެ އިސްފަރާތްތަކަށް ފޮނުވައިފިއެވެ.

މިއީ އެކިކަހަލަ ކުޅިވަރު މުބާރާތްތަކަށް އެތުލީޓުންވާ ތައްޔާރީތަކާއި، އެމީހުންގެ މަސައްކަތް ހުންނަގޮތް އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ރާއްޖޭގެ ފާހަގަކޮށްލެވޭ މުހިއްމު ޝަޙްސިއްޔަތުތަކާއި، މަޝްހޫރު ފަންނާނުނާއި، އެކިއެކި ކުންފުނިތަކުގެ އިސްވެރިންނަށް ދިނުމަށް މަރުޒޫގު އިސްނަގައިގެން ހިންގާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން އެތުލީޓަކާއެއްކޮށް އެއް ދުވަހު ތަމްރީން ހެދުމުގެ ފުރުސަތު މި ޗެލެންޖް ޤަބޫލުކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ބްރެޒިލްގެ ރިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ކުރިން މަރުޒޫޤް ފެށި މި ޕްރޮގްރާމްގެ ދަޢުވަތު މަޝްހޫރު ފަންނާނުންނާއި، ކުންފުނިތަކުގެ އިސްވެރިންނަށް ދީފައިވާއިރު، މި ޗެލެންޖް މިހާތަނަށް ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބަލައިގެންފައެވެ.

މި ހަރަކާތް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކެބިނެޓް މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުޒޫޤް މިހާރު ވަނީ މި ޗެލެންޖުގައި ބައިވެރިވުމަށް ދަޢުވަތުދީފައެވެ.

img:http://s1.psmnews.mv/images/660x400/14715473404325.jpg|"ޓްރެއިނިންގ ވިތް ޗެމްޕިއަންސް" ޗެލެންޖްގެ ތެރެއިން

އެގޮތުން ރާއްޖޭގެ ނެޓްބޯޅަ ޓީމާއެކު ތަމްރީން ހެދުމުގެ ދަޢުވަތު ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމަށާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމަށާއި، ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރަކަށް ދަޢުވަތުދީފައިވެއެވެ. މީގެތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ އިތުރުން، މަކުނުދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛާ އަނާރާ ނަޢީމް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އަށް މަޝްޙޫރު ރާޅާއެޅުންތެރިޔާ ޙުސެއިން ޢާރިފްއާއެކު ތަމްރީން ހެދުމުގެ ދަޢުވަތުދީފައިވާއިރު، ދާދިފަހުން ރިޔަލު ކަނދެއްގައި ރާއްޖެވަށާ ބުރުޖަހާ ގިނަ ބައެއްގެ ސަމާލުކަން ހޯދި ޢަބްދުލްގަފޫރު ޢަލީ (ގައްބެ)އާއެކު އެއް ދުވަހުގެ ތަމްރީން ހެދުމަށް ޓޫރިޒަމް މިނިސްޓަރ މުސާ ޒަމީރަށް ދައުވަރު އަރުވާފައިވެއެވެ. އަދި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދަށާއި، ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއަށް "ކްލަބް އީގަލްސް"އާއެކު މި ޗެލެންޖުގައި ބައިވެރިވުމަށްވެސް މަރުޒޫގު ވަނީ ދައުވަތުދީފައެވެ.

img:http://s1.psmnews.mv/images/660x400/14715473038471.jpg|"ޓްރެއިނިންގ ވިތް ޗެމްޕިއަންސް" ޗެލެންޖްގެ ތެރެއިން

ހަމައެހެންމެ ކެބިނެޓުގެ 5 މެމްބަރަކަށް ޤައުމީ ހޭންޑް ބޯލް ފިރިހެން ޓީމާއެކު 1 ދުވަހުގެ ތަމްރީން ހެދުމަށްވެސް އޭނާ ދަޢުވަތުދިނެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެންވަޔަރަމަންޓް މިނިސްޓަރ ޠޯރިޤު ޢިބްރާހީމް، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު އަދި ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރެވެ.

ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލަށާއި، ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް އުމަރުގެ އިތުރުން ހޯމް މިނިސްޓަރ އަޒްލީން އަހުމަދަށް ނެޝެނަލް ޝޫޓިންގ ޓީމާއެކު ތަމްރީން ސެޝަނެއްގައި ބައިވެރިވުމުގެ ދަޢުވަތުވެސް މަރުޒޫޤް ދެއްވާފައިވެއެވެ.