ގެސްޓްހައުސް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ބާއްވާ ގެސްޓް ހައުސަސް މޯލްޑިވްސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސަރއަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސާ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމްކުރާ މި އިވެންޓްގެ ނަމަކަށް ވެގެންދާނީ "ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް 2016"އެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހު ބާއްވާ މި ކޮންފަރެންސް ވެގެންދާނީ ގެސްޓްހައުސް ވިޔަފާރީގައި އިސްކޮށް އުޅޭ ފަރާތްތަކާއި ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ ޓުއަރ އޮޕަރޭޓަރުންނާއި ހޮޓެލް ސަޕްލަޔަރުންނާއި ގުޅުވާލުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެކެއެވެ.
މި ސްޕޮންސަރޝިޕް އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ގެސްޓްހައުސްތަކާއި ގެސްޓްހައުސް އިންޑަސްޓްރީއަކީ ބީއެމްއެލް ވަރަށް ބޮޑު އެހީތެރިކަމެއް ދޭން ޝައުޤުވެރިވާ ދާއިރާއެއް ކަމަށާއި އެހެންކަމުން މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަން ކުރުވާނެ މިފަދަ މުހިންމު ކޮންފަރެންސެއްގެ ޓައިޓްލް ސްޕޮންސަރ ކުރުމަކީ ބީއެމްއެލްއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ގެސްޓްހައުސްތަކާއި ގެސްޓްހައުސް އިންޑަސްޓްރީއަކީ އަޅުގަނޑުމެން ވަރަށް ބޮޑު އެހީތެރިކަމެއް ދޭން ޝައުޤުވެރިވާ ދާއިރާއެއް. އެހެންކަމުން މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަން ކުރުވާނެ މިފަދަ މުހިންމު ކޮންފަރެންސެއްގެ ޓައިޓްލް ސްޕޮންސަރ ކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް" އެންޑްރޫ ހީލީ ވިދާޅުވިއެވެ.
މޯލްޑިވްސް ގެޓަވޭޒްގެ ބިޒްނަސް ޑިވެލޮޕްމެންޓް އޮފިސަރު ޑރ. ސަނީ އުމަރު ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި 2020 އަންނަންވާއިރަށް ރާއްޖެއަށް 500،000 ފަތުރުވެރިން ގެނައުމަށް ގެޓްއަވޭޒްގެ ފަރާތުން ހިފާފާފައިވާ އަމާޒަށް ވާސިލުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ޖުމްލަ 150 ގެސްޓްހައުސް ވިޔަފާރިވެރިންނާއި މެނޭޖްކުރާ ފަރާތްތަކުން މިހާރުވެސް ވަނީ މި ކޮންފަރެންސްގައި ބައިވެރިވާނެކަން ކަށަވަރު ކޮށްފައެވެ. ދުނިޔޭގެ މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންޓުންކަމަށްވާ އެކްސްޕީޑިއާ އަދި ބުކިންގ ޑޮޓް ކޮމްގެ ފަރާތުންވެސް ބައިވެރިވެ މި ކޮންފަރެންސްގެ ބައިވެރިންނާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރާނެ ކަމަށް މޯލްޑިވްސް ގެޓަވޭސްއުން ހާމަކުރެއެވެ.