ކުޅިވަރު

ކުޅިވަރާ ގުޅުންހުރި 20 މަޝްރޫއެއް އެމްޓީސީސީއަށް


ރާއްޖޭގެ 18 ރަށެއްގެ ކުޅިވަރާ ގުޅުންހުރި 20 މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވި އިތުރު ފަރާތްތަކުގެ ތެރޭގައި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަސަދުﷲ ޝިހާބާއި، ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ލަޠީފު މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ނަސީރު އަދި މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޒަރީރުވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އދ. ފެންފުށީ ވޮލީބޯޅަ ކޯޓުގެ މަސައްކަތާއި، އެ ރަށުގައި ގާއިމުކުރާ ދުވާ ޓްރެކުގެ މަސައްކަތެވެ. އަދި އދ. ހަންޏާމީދޫ ވޮލީ ކޯޓާއި އެ އަތޮޅު އޮމަދޫގައި ތަރައްގީކުރާ ވޮލީ ކޯޓުގެ މަސައްކަތުގެ އިތުރުން ހއ. މުރައިދޫ، ދިއްދޫ އަދި މޮޅަދޫގެ ފުޓްސަލް ކޯޓުގެ މަސައްކަތާއި، މޮޅަދޫގެ ވޮލީ ކޯޓުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ރ. މަޑުއްވަރީގައި ފުޓްސަލް ކޯޓު އެޅިގެންދާއިރު، ހަމަ އެ އަތޮޅު ކިނޮޅަހުގައި އައުޓްޑޯ ޖިމް ތަރައްގީކުރުމަށްވަނީ ރާވާފައެވެ. އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކ. އަތޮޅުގެ ތިން ރަށެއްގައިވެސް ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ކ. ހިންމަފުށި، ގުޅި އަދި ތުލުސްދޫގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ މަޝްރޫއެވެ. އަދި އއ. ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ނިންމުމަށް ހަމަޖެހިފައިވެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން ތ. އަތޮޅުގެ ހަތަރު ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތްވެސް އެމްޓީސީސީން ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ގުރައިދޫ އާއި ވިލުފުއްޓާއި، މަޑިފުށި އަދި ބުރުނީގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ މަސައްކަތެވެ. މީގެ އިތުރުން ގއ. ދެއްވަދޫ ވޮލީ ކޯޓާއި ގދ. ފިޔޯރީގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރު ދިރުވާ އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގެ ބޭނުމުގައި ސަރުކާރުން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ހިންގަވަމުންނެވެ. މިގޮތުން އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ކުރިއަށްދާއިރު، ކުޅިވަރުގެ ވަސީލަތްތައްވެސް ދަނީ ގާއިމުކޮށްދެއްވަމުންނެވެ. އޭގެ ތެރޭގައި ދަނޑުތަކާއި ކޯޓުތަކުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

މި މަޝްރޫއުތަކުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވާ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އަދި އެމްޓީސީސީގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.