ޚަބަރު

ޔޫތް ގޭމްސްގައި ވާދަކުރާ ބެޑްމިންޓަން ޓީމު ނިކުންނާނީ ކޮރެއާ ކޯޗަކާއިއެކު


އޭޝިއަން ޔޫތު ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޒުވާން ޤައުމީ ބެޑްމިންޓަން ކުޅުންތެރިން ފަރިތަކުމަރުންދަނީ ކޮރެއާގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.

މިމަހުގެ 22-31 އަށް ބަހްރެއިންގެ މަނާމާގައި ބާއްވާ އޭޝިއަން ޔޫތް ގޭމްސްއަށް ފަރިތަކުރަމުން އަންނަ ބައެއް ކުޅުންތެރިން ބުނީ އުންމީދަކީ މި މުބާރާތުގައި ރާއްޖެއަށް ދެވޭ އެންމެ ދުރަކަށް ދިއުން ކަމަށާއި މެޑަލްއެއް ހޯދުން ކަމަށެވެ.

އޭޝިއަން ޔޫތް ގޭމްސްއަށް ފަރިތަކުރަމުން އަންނަ ޓީމުގައި ހިމެނޭ އައިޝަތު ޔުހާ އަހުމަދު ބުނީ އުންމީދަކީ މި މުބާރާތުން ރަނގަޅު ނަތީޖާއެއް ކަމަށާއި، ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އައިމިނަތު ފަރްހާ ފަރުޒާން ބުނީ ކޮންމެ ދުވަހަކުވެސް ވަރަށް ފޯރީގައި ފަރިތަކުރަމުން އަންނަ އިރު ބަހްރެއިންގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުވުމުގައި ކޯޗުންނާއި މައިންބަފައިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އަހުމަދު ފަލަހް ފަރުޒާން ބުނީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވެފައި ހުންނާނެ ކަމަށާއި، އެހެންނަމަވެސް މިފަހަރު ރަނގަޅު ކުޅުމެއް ދެއްކޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

އަހުމަދު އަޒާން އާދަމް ފައިސަލް ބުނީ މުބާރާތުގައި ބައިވެރިވާ އިވެންޓްތައް ފަރިތަކުރަމުން އަންނަ ކަމަށާއި، އުންމީދަކީ ވަރަށް ރަނގަޅު ކުޅުމެއް އޭޝިއަން ޔޫތް ގޭމްސްގައި ދެއްކޭނެ ކަމަށެވެ.

އިޔާން އަހްމަދު މަމްދޫހު ބުނީ އޭޝިއަން ޔޫތް ގޭމްސްގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށެވެ. އައިމިނަތު އަމްނާ އަލީ އާމިރް ބުނީ އުންމީދަކީ ވީހާވެސް ރަނގަޅު ނަތީޖާއެއް ރާއްޖެއަށް ހޯދައިދޭން މަސައްކަތް ކުރުން ކަމަށާއި، މި މުބާރާތަކީ ވަރަށް އިތުރަށް ކުރިޔަށްދާން ލިބޭ ރަނގަޅު ފުރުސަތަކަށްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ކިޔާން އާދިލް މުހައްމަދު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ކުޅެވިއްޖެ ކަމަށާއި، އުންމީދަކީ އެހެން މުބާރާތްތަކަށްވުރެ ރަނގަޅު ނަތީޖާއެއް މި އަހަރުގެ އޭޝިއަން ޔޫތު ގޭމްސްގައި ނެރުންކަމަށެވެ.

އަހުމަދު އަޒާން އާދަމް ފައިސަލް ބުނީ ބޮޑަށް ފޯކަސް ކުރަނީ މިކްސް ޑަބަލްސްއަށް ކަމަށާއި، އުންމީދަކީ ވީހާވެސް ދުރަށް ދިއުން ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުބާރާތަކުން މެޑަލެއް ނުލިބޭ ކަމަށާއި، އުންމީދަކީ މި މުބާރާތުން މެޑަލެއް ހޯދުން ކަމަށެވެ.

މި ކުޅުންތެރިން ބައިވެރިވާ 3 ވަނަ އޭޝިއަން ޔޫތް ގޭމްސް އޮންނާނީ މިމަހުގެ 22-31 އަށް ބަހްރެއިންގެ މަނާމްގައި ހުންނަ އެގްޒިބިޝަން ވޯލްޑް ބަހްރެއިންގައެވެ.